02 Dec 2015, 19:32
އޭޝިއާ ސަރަހައްދުގައި ތިބި އެޗްއައިވީ އަށް ޕޮޒިޓިވް 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 98 ޕަސެންޓު ކުދިން ނިސްބަތްވަނީ އިންޑިއާ އާއި ޗައިނާ އަދި ޕާކިސްތާނުގައި ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
މިދިޔަ އަހަރު ހެދި ތަހުލީލަކުން ދެއްކި ގޮތުގައި އެޗްއައިވީ ހުންނަ 220،000 ކުޑަކުދިން އޭޝިއާ ޕެސިފިކް ސަރަހައްދުގައި ދިރިއުޅެމުންދެ އެވެ. އޭގެ ތެރެއިން 15 ޕަސެންޓް ކުދިންނަށް އެޗްއައިވީ ޖެހުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ބާކީ ތިބި ކުދިންނަކީ ކުރިން ވެސް އެޗްއައިވީ ޖެހިފައި ތިބި ކުދިންނެވެ. އެެހެން ކަމުން އެ ގައުމުތަކުގައި އެޗްއައިވީ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަން ފާހަގަ ކުރެވެ އެވެ.
އެޗްއައިވީ ކުއްލިއަކަށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ފެތުރުމުގެ ބިރު އޮތް އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި، ޗައިނާއާއި، ޕާކިސްތާނުގެ އިތުރުން ހިމެނެނީ ކެމްބޯޑިއާ، އިންޑޮނޭޝިއާ، މިޔަންމާ، ޕާކިސްތާން، ނިއު ގިނީ، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އެވެ.
ރިޕޯޓުގައިވާ ގޮތުން އެޗްއައިވީ ހުންނަ ކުަޑަކުދިންގެ އަދަދު ގިނަވެފައި ވަނީ ކުޑަކުދިންގެ މެދުގައި ޖިންސީ ގުޅުން ހިންގުމާއި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވެފައި ވުމުގެ ސަބަބުންނެވެ.
އެޗްއައިވީ ޕޮޒިޓިވް 36.9 މިލިއަން މީހުން ދުނިޔޭގައި ދިރިއުޅެ އެވެ. އޭގެ ތެރޭގައި 2.6 މިލިއަން ކުޑަކުދިން ހިމެނެ އެވެ.
އެޗްއައިވީ ފުރަތަމަ ފަހަރަށް ދެނެގަނެފައި ވަނީ 1984ގައި އެވެ. ޑިސެމްބަރު އެކަކަކީ އެޗްއައިވީ އާ ދެކޮޅަށް ކުރާ ހަނގުރާމަ ފަހާގަ ކުރުމަށް ހާއްސަ ކޮށްފައިވާ ދުވަހެކެވެ. ޔޫއެން އިން ވަނީ 2030 އަންނަންވާ އިރަށް އެއިޑްސް ނައްތާލުމަށް އަޒުމް ކަނޑައަޅާފަ އެވެ.