ސްޕެނިޝް ކޮޕާޑެލެރޭގައި މިރޭ ކާޑިޒްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ޑިފެންޑަރު ޑެނީ ކަވަޖާލް އަކަށް ނުކުޅެވޭނެ އެވެ.

ލީގުގައި އެންމެ ފަހުން ރެއާލް އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ކަވަޖާލްގެ ފަލަމަސްގަނޑަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައިވާ އިރު ރެއާލްގެ ކޯޗް ބެނިޓޭޒް ބުނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިރޭ އަރާމް ކުރަން މަޑު ކުރާނެ ކަމަށާއި ނަމަވެސް ކަވަޖާލް ނުކުޅެނީ އަނިޔާގެ ސަބަބުން ކަމަށެވެ.

"ކޮޕާޑެލެރޭ ކާމިޔާބު ކުރުމަކީ އަހަރެމެންގެ އަމާޒެއް. އެހްނެ ކަމުން މިރޭގެ މެޗް ވެސް ފަސޭހަކޮށެއް ނުލާނަން. ނިމިދިޔަ ހަފްތާގައި ކައިރި ކައިރީ ދެ މެޗް ކުޅެން ޖެހުމުގެ ސަބަބުން މިރޭގެ މެޗުގައި މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ ރެސްޓް ދީފައި،" ބެނިޓޭޒް ބުންޏެވެ.

ސްޕެނިޝް ލީގުގައި އަންނަ ހޮނިހިރު ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅެން އޮތުމާއެކު ކޯޗު ވަނީ މިރޭގެ މެޗްގައި އެ ޓީމްގެ އެންމެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ، ބެންޒެމާ އަދި ބޭލް އަށް އަރާމް ކުރުމަށް ފުރުސަތު ދީފައެވެ.

ބެނިޓޭޒް ބުނީ ފޯވާޑް ލައިން މިރޭ ބަލަހައްޓާނީ ޖެސީ އާއި ލޫކަސް ވެޒްކުއިޒްގެ އިތުރުން މޭރޯލް ކަމަށާއި އަނިޔާގައި ގިނަ ދުވަސްތަކެ ހޭދަކުރުމަށް ފަހު ކުޅެން ނިކުމެފައިވާ ޖޭމްސް ރޮޑްރިގޭޒް ވެސް މިރޭގެ މެޗްގައި ކުޅޭނެ ކަމަށެވެ.

ކާޑިޒްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗް އޮންނާނީ މިރޭ ދަންވަރު 2:30 ގައެވެ. އަދި ކޮޕާޑެލެރޭގައި މިރޭ 12:30 ގައި ބާސެލޯނާ ވިލަނޮވެންސްއާ ދެކޮޅަށް ވެސް ނުކުންނާނެއެވެ.