07 Apr 2011, 17:54
މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީގައި މަރުވި އަހުސަން ބަޝީރު 21،ގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މާލޭގައި ހިންގާ ކުށްތައް މަދު ކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް ސީރިއަސް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި މިހާރު ހުރި ކުޑަ ކުއްޖަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީގައި މަރުވި އަހުސަން ބަޝީރު 21،ގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން ކުއްޖާ ކަމަށެވެ.
ސަން އަށް އެނގި ފައިވާ ގޮތުގައި އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި މިހާރު ފުލުހުން ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ އަންހެން ކުއްޖަކީ މަރުގެ މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމްގެ ރައްޓެއްސެއްގެ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅުނު އަންހެން ކުއްޖެކެވެ. ބަޝީރުގެ ގަޔަށް ވަޅިހެރި ވަގުތު އެ އަންހެން ކުއްޖާ އެ ތަނުގައި ހުރި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. އަދި ބުރުގާ އަޅާ ކުޑަ އަންހެންކުއްޖާ އެ ހާދިސާ އަށް ފަހު ބުރުގާ ނަގައި ސިފަ ބަދަލުކޮށްފައިވާ ކަމަށް ވެސް ސަންއަށް ވަނީ އެނގިފަ އެވެ.
މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ކަންމަތީގެ ޓްރެފިކް ލައިޓް ކައިރިން ބަޝީރަށް ހަމަލާދިން މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފިލުވުމަށް މަސައްކަތް ކުރި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ފިލުވުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ލ. މާވަށު އެވަބްލޫ މުހައްމަދު ވިޝާމް 18، އަދި މއ. ސީނަރީވިއު އާތިފް ރަޝީދު 20، އެވެ.
މ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކުރެލީގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ޝަހުމް އާއި އަދި މއ. ވީނަސް ތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދު 20، އާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.
ބަޝީރަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް މިހާތަނަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ ޝަހުމާއި އަދި ޝިމާޒެވެ. އެ މީހުން ކުރެއްޔަށް ގޮސްފައި ވަނީ ލޯންޗެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުން ސީސީޓީވީގެ ފޫޓޭޖް ވެސް ހޯދާ ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންނެވެ.
ބަޝީރުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝަހުމަކީ މ. ބިއުޓީފްލާވާ މުހައްމަދު ހުސައިންގެ މަރުގެ ތުހުމަތުގައި ވެސް ދައުލަތުން ދައުވާ ކުރާ މީހެކެވެ. ނަމަވެސް ދާދިފަހުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބުމުން ހެލްތު މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އެވެ.
ބަޝީރަށް ވަޅިން ހަމަލާދިނީ ކޯޓުން ޝަހުމް ދޫކޮށްލިތާ ތިން ހަފުތާއާ ހަ ދުވަހުގެ ތެރޭގަ އެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދޭން ބަޝީރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އޭނާ އަށް ހަވާލުވެ ތިބި ފުލުހުން ގާތުގައި ވަޅިން ހަމަލާ ދިނީ ޝަހުމް ކަމަށް ބަޝީރު ބުނެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މި މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށް އެދި އާއިލާއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.