02 Dec 2015, 16:52
ރާއްޖޭގައި ކުރީ ޒަމާނުގައި ދޯނި ބަލާ އުސޫލުން ކަނދުއަޅައިގެން، ހދ. ނޭކުރެންދޫގެ ރައްޔިތުން މިއަދު ނުކުމެ ކަޅުއޮށްފުންމީގައި ވާޖަހާ މޫދަށް ބާލައިފި އެވެ.
ނޭކުރެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިޒާން މިއަދު 'ސަން' އަށް ވިދާޅުވީ ކަޅުއޮށްފުންމި ބޭލީ މިއަދު 2:30 އެހާކަންހާއިރު ކަމަށާއި ބޭލުމުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވި ކަމަށެވެ.
"ރަށުގެ އެންމެން ނުކުމެ ކަޅުއޮށް ފުންމި ބޭލީ. ގޮވާލި ގޮވާލިމަށް އެންމެން ނުކުން. ބޭލީ ވާޖަހާފައި އެންމެ ވަލުގައި ހިފާފަ ދަމައިގެން. " ސިޒާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ނައިބު މާޒް އަހުމަދު ސަލީމު އިއްޔެ ވިދާޅުވީ ކަޅުއޮއްފުންމި ގައުމީ ދުވަހަށް އުތީމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ގެންދާނީ ކަޅުއޮށްފުންމި ބަންނަން އުޅުނު އިސްފަރާތާއި ދޯނީގެ ރިޔާ ބަލަހައްޓަން ހާއްސާ ޓީމަކުން ކަމަށެވެ.
އޭގެ ފަހުން ކަޅުއޮށްފުންމި ބޭނުންކުރާނީ ތާރީހީ އެއްޗެއްގެ ގޮތުގައި ކަމަށް މާޒް ވިދާޅުވި އެވެ. އެގޮތުން ހެރިޓޭޖް ކުރިމަތީގައި އާންމުންނަށް ފެންނާނެހެން ކަޅުއޮށްފުންމި ބޭވުމަށް ހަމަޖެހިފައިވާ ކަމަށް މާޒް ވިދާޅުވި އެވެ.
ކަޅުއޮށްފުންމި ބަނީ 51 ފޫޓް ދިގުމިނުގަ އެވެ.
ކަޅުއޮށްފުންމިއަކީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އުތީމް ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑިއެވެ.
އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާއަށް އަރައެވެ.