02 Dec 2015, 15:32
ހުޅުލެއާ މާލެއާ ދެމެދު އަޅަން އުޅޭ ބުރިޖްގެ މަސައްކަތަށް ހާއްސަކޮށްފައިވާ ތަންތަން މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނީގެ ފަރާތުން ރާއްޖެއަށް އައިސް އުޅޭ ޓީމުން ބަލާލައިފި އެވެ.
ހައުސިން މިނިސްޓްރީން ސޯޝަލް މީޑިއާ ފޭސްބުކްގައި މިއަދު ބުނެފައި ވަނީ ބުރިޖްގެ މަސައްކަތަށް މާލެ އާއި ހުޅުލެއާއި ހުޅުމާލޭގައި ބުރިޖްގެ މަސައްކަތަށް ހާއްސަށްކޮށްފައިވާ ތަންތަން ބަލާފައިވާ ކަމަށެވެ.

ބުރިޖްގެ އަމަލީ މަސައްކަތް މި މަސްތެރޭގައި ފެށޭއިރު އެ މަސައްކަތް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ ވަނީ ރަސްމީކޮށް ހަވާލުކުރެވި އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓު ޓީމް ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ.
ބުރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާ އިރު އެ ސަރަހައްދުގެ އިތުރުން ބުރިޖް އަޅާ ސާމާނު ބަހައްޓަން ހުޅުލެ އާއި ހުޅުމާލެ އިން ވެސް ކޮންޓްރެކްޓަރަށް ބިމެއް ހާއްސަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.