02 Dec 2015, 14:59
ބްރަސެލްސް (ޑިސެމްބަރ 2) :އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ފައުޖުތަކުގެ އަދަދު މަދުނުކުރުމަށް ނޭޓޯގެ ގައުމުތަކުން އިއްޔެ ބެލްޖިއަމްގެ ބްރަސެލްސްގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައިފި އެވެ.
އަފްޣާނިސްތާނުގައި ތިބި ފައުޖުތައް މަދުނުކުރަން ނޭޓޯ އިން ނިންމާފައި ވަނީ ތާލިބާނުންގެ ފަރާތުން ގައުމު ރައްކާތެރި ކުރުމުގެ ބާރު އެގައުމުގެ އަސްކަރިއްޔާ އަށް ލިބިގެން ނުވާ ކަމަށް ނޭޓޯ އަށް ގަބޫލު ކުރެވޭތީ އެވެ.
"އަހަރުމެން އަފްޣާނިސްތާނަށް ފައުޖުތައް ފޮނުވަނީ އެގައުމު ބައިނަލް އަގުވާމީ ޓެރަރިސްޓުންގެ ހާއްޔަކަށް ވުމުން ރައްކާތެރިކުރުމަށް،" ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވި އެވެ.
އެހެންކަމުން ނޭޓޯ އިން ވަނީ އަފްޣާނިސްތާނުގެ 350،000 ސިފައިން ތަމްރީނު ކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް ކެމްޕެއިނެއްވެސް އިއްޔެ ފަށައިފަ އެވެ.
އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ ބަޖެޓަށް ޖަމާކުރާ އެ ފަންޑަށް ތިން ބިލިއަން ޔޫރޯއާ ގާތް ކުރާ ވަރުގެ އެހީ ދިނުމަށް ނޭޓޯ އިން އަމާޒު ކުރެ އެވެ.
އެމެރިކާ އިން ކޮންމެ އަހަރަކު އަފްޣާނިސްތާނުގެ އަސްކަރިއްޔާ އަށް 4.1 ބިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. އަދި 2012 ވަނަ އަހަރު އެމެރިކާގައި ބޭއްވި ނޭޓޯ ސަމިޓުގައި އެއްބަސްވެފައިވާ ފަދައިން ނޭޓޯ އަށް ނިސްބަތްނުވާ ޗައިނާ ފަދަ ބައެއް ގައުމުތަކުން ވެސް ކޮންމެ އަހަރަކު އަފްޣާނިސްތާނުގެ އަސްކަރިއްޔާ އަށް އެއް ބިލިއަން ޑޮލަރުގެ އެހީދެ އެވެ.
އިއްޔެ ނިންމި ނިންމުމާ އެކު، އެމެރިކާގެ ކައުންޓާ ޓެރަރިޒަމް ފައުޖުތައް ނުލައި އަފްޣާނިސްތާނުގައި 12،000 މީހުންގެ ފައުޖު މިއަންނަ އަހަރުތެރޭގައި ހަރަކާތްތެރިވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ 7،000 މީހުންގެ ފައުޖާއި ނޭޓޯގެ ބާކީ މެމްބަރުންގެ 5،000 މީހުންގެ ފައުޖު ހިމެނޭނެ އެވެ.
މައުލޫމާތު: ރޮއިޓާސް