ރާއްޖޭގެ ޖަމްއިއްޔާތަކާއި ބެހޭ ގާނޫނާއި، ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިސްގެ އިންތިޚާބުވީހާވެސް އަވަހަށް ބޭއްވުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެފްއޭމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އުމަރު ވިދާޅުވީ އިިންތިޚާބު ބާއްވަން ޖެހޭނީ ޖަމްއިއްޔާތަކުގެ ގާނޫނާއި، ހެދިފައިވާ އެންމެހައި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި އެނޫންގޮތަކަށް ރާއްޖޭގައި ޖަމްއިއްޔާއެއްގެ އިންތިޚާބު ކުރިއަށް ގެންދެވޭނެކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރު ވިދާޅުވީ އެފްއޭއެމް ހަރުދަނާވުމަކީ ޔޫތު މިނިސްޓްރީން ވަރަށްބޮޑަށް އެދޭކަމެއްކަމަށެވެ. އެގޮތުން އެފްއޭއެމުން ދެފުއްފެންނަގޮތަށް ޚަރަދުތައް ކުރުމަށް ޒުހޫރު އިލްތިމާސް ކުރެއްވި އެވެ.

ޒުހޫރު ވިދާޅުވީ ރާއްޖެއިން ބޭރުން ލިބޭ ފައިސާ ޚަރަދު ކުރެވޭގޮތާއި ޔޫތު މިނިސްޓްރީން ދޭ ފައިސާ ޚަރަދުކުރާ ގޮތް އެ މިނސިްޓްރީއަށް ސާފުކޮށް ދިނުމަކީ އެފްއޭއެމުން ކުރަންޖެހޭ ކަމެއްކަމަށެވެ.

އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ އެފްއޭއެމްގެ އަހަރީ ކަލަންޑަރެއް އަދި އަހަރީ ރިޕޯޓެއް ވެސް ޔޫތު މިނިސްޓްރީއަށް ނުލިބޭތީ އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

ދާދިފަހުން ނެރުނު ޓްރާސްޕޭރެންސީ އިންޓަނޭޝަނަލް ރިޕޯޓުގައި އެފްއޭއެމުން ފައިނޭންޝަލް ރިޕޯޓެއް، އޯގަނައިޒޭޝަން ޗާޓެއް، އެނުއަލް އެކްޓިވިޓީ ރިޕޯޓެއްގެ އިތުރުން ކޯޑް އޮފް ކޮންޑަކްޓެއް ތައްޔާރުކޮށްފައި ނެތުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ވެސް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ އެފްއޭއެމުން ތަފާތު ގިނަ ފަރާތްތަކަށް ފައިސާ ނުދައްކައިގެން ތަކުރާރުކޮށް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އަދި އެފައިސާތައް އަވަހަށް ދެއްކުމަށް ވެސް މިނިސްޓަރު ޒުހޫރު ވަނީ މިއަދު އެފްއޭއެމްގެ ނޮމިލއިޒޭޝަން ކޮމެޓީ އަށް އަންގާފައެވެ.

އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަނިލް ވަނީ މިހާރު ހުށަހަޅާފައިވާ އަސާސީ ގަވާއިދުގައި ގާނޫނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި އެކަންތައް އިސްލާހުކޮށް އިންތިޚާބު އަވަހަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.