އިންޑިއާގެ ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑުވެ، ގިނަ ބަޔަކު ހާލުގައި ޖެހިފައި ވީނަމަވެސް، އެތަނުގައި ދިރިއުޅޭ ހުރިހާ ދިވެހީންގެ ހާލު ރަނގަޅު ކަމަށް ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަހްމަދު މުހައްމަދު ވިދާޅުވީ މިހާރުވެސް ޗެންނާއީގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އާއިލާތަަކާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ހައި ކޮމިޝަނާ ގުޅޭނެ ހޮޓްލައިނެއް ގާއިމުކޮށްފައި ވާއިރު، ރާއްޖެ އާއި ޗެންނާއީ އިންވެސް ހައި ކޮމިޝަނަށް ގުޅައި، މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ އިންވެސް އެބަ ގުޅާ ކުދިންނާ ނުގުޅިގެން. އަޅުގަނޑުމެން މިހާރުވެސް މިދަނީ ކުދިން ކިޔަވަމުންދާ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ގުޅައި އެކުދިންގެ ހާލު ބަލަމުން. ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު،" ސަފީރު ވިދާޅުވިއެވެ.

ޗެންނާއީގައި ދެ ދިވެއްސަކު ތިބި ސަރަހައްދެއްގައި ކާބޯތަކެތި ނެތް ކަމަށް ބުނެ ރާއްޖެއިން ހައިކޮމިޝަނަށް މައުލޫމާތުދީފައިވާ ކަމަށާއި ނަމަވެސް އެ ދެ ދިވެހީންނާ ގުޅުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައިނުވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުން އަންނަ އިރު، ސަލާމަތީ ބާރުތަކާ ގުޅިގެން ދިވެހީން ވެސް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ހައި ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޗެންނާއީގެ އެސްއެމްއާރު ޔުނިވާސިޓީގެ ހޮސްޓެލްއެއްގައި ފެން ބޮޑުވުމުގެ ސަބަބުން އެ ހޮސްޓެލްގައި ހުންނަ ދިވެހި ކިޔަވާ ކުއްޖަކު ވަނީ އެހެން ހިސާބަކަށް ބަދަލުކޮށްފައެވެ.