07 Apr 2011, 17:41
މިއަދު މެންދުރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލުމަށް ފަހު އޭނާގެ އަތުގައި ހުރި 10000ރ. ފޭރިގަން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ ލާޒާ ޓެކްސްޓައިލްގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ސްޓްޓޭ ބޭންކް އޮފް އިންޑިއާ އިން ފައިސާ މާރުކޮށްގެން މިއަދު މެންދުރު 11:20 ހާއިރު ދަނިކޮށް ރޯޝަނީމަގު ނޫރު މިސްކިތް ކައިރިން ސައިކަލެއްގައި ދިޔަ ދެ މީހަކު އެ މީހާ އަށް ހަމަލާދީ އޭނާގެ އަތުގައި ހުރި 10،000ރ. ފޭރިގެންފައިވާ ކަމަށެވެ.
ނަމަވެސް ހައްޔަރު ކުރި މީހާާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ޖަމްޝީދު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން މިއަދު ހަވީރު ހައްޔަރު ކުރި މީހަކީ މީގެ ކުރިން ވެސް ތަފާތު މައްސަލަތަކުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އެ މީހާއާ ބެހޭ އިތުރު ތަފްސީލު ސާފު ކުރަމުން އަންނަ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.
އަނިޔާވި މީހާ އަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މަންޒަރު ދުށް މީހަކު ސަން އަށް މަޢުލޫމާތު ދެމުން ބުނީ ހުދު ކުލައިގެ ގަމީހެއް ލައި، އައިނެއް އަޅާފައި ހުރި އެމީހާ އަށް ހަމަލާދީފައި ވަނީ ޕޭމަންޓްމަތިން ކޮތަޅެއް ހިފައިގެން ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން ކަމަށެވެ. އެވަގުތު އެ މީހާގެ އަތުގައި ކޮތަޅެއް އޮތް ކަމަށް ވެސް އެމީހާ ބުންޏެވެ.
އޭނާ ބުނީ، ބިދޭސީ މީހާގެ ބުރައްކަށްޓަށް ވަޅި ހެރި ވަގުތު މަގުމަތީގައި ވެސް ފުދޭ ވަރަކަށް މީހުން ހިނގާބިގާވެ އުޅުނު ކަމަށާއި ބިދޭސީ މީހާގެ ބުރަކަށީގެ ދެ ތަނަކަށް ވަޅި ޖެހި ކަމަށެވެ.
"ވަޅި ހަރާލުމުން ވަރަށް ބައިވަރު ލޭ މަގުމައްޗަށް އެޅިފައި ހުރި،" އޭނާ ބުންޏެވެ.