02 Dec 2015, 13:50
މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަމާ ހަމަޔަށް ނެވެ. އެކަން ސަންގެ ކިޔުންތެރިނާ ހަމަޔަށް ވާނީ ގެނެސްދީފައެވެ.
ސީޒަންގައި ނިއުއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވި ވަގުތު އެ ގޮންޖެހުންތައް ހައްލުކޮށް ޓީމު ހަމަޔަކަށް އެޅުވުމުގެ ޒިންމާއާ ހަވާލުވީ ސޮބާހް މުޙައްމަދު އިބްރާހިމް (ސޮބާ) އެވެ.
ސޮބާއަކީ ކުޅުންތެރިޔެއްގެ ގޮތުންވެސް ރާއްޖެއަށާއި ނިއު ރޭޑިއަންޓަށް ބޮޑެތި ކާމިޔާބު ތަކެއް ހޯދައިދީފައިވާ މުހިންމު ކުޅުންތެރިޔެކެވެ. ދެހާސް ފަސްވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ނިއު ދަތުރު ކުރިއިރު ޓީމުގެ ދިފާއީ ރޮނގު ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީވެސް ސޮބާއެވެ.
ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓްރޮފީ ނިއު ރޭޑިއަންޓް މިރޭ އުފުލައިލާއިރު ޗެމްޕިއަންކަމާ ހަމަޔަށް ނިއު ކުރި ދަތުރުގެ އެންމެ މުހިންމު މާލިމީއަކީ ސޮބާއެވެ.
މިއަހަރު ކުރީ ކޮޅު ބޭއްވި ޕީޕަލްސް ކަޕުން ކަޓައި، މިއަހަރު ފުރަތަމަ ކޮޅު ނިއުގެ ކޯޗަކަށް ހުރި ފިންލެންޑްގެ މިކާ ލޮމްސްޓޮރަމް ފެއިލްވުމުން އޭނާ ރަށަށް ފޮނުވާލުމަށްފަހު ދެން ގެނައި ބޮސްނިއާގެ އާމިރު އަލަގިޗްގެ ކޯޗްކަމުގެ ދަށުން މިއަހަރު އޭއެފްސީ ކަޕްގެ ކުރީ ކޮޅު ދަށް ނަތީޖަތަކާ ކުރިމަތިލާންޖެހި، ޗެރިޓީ ޝީލްޑް މެޗް ނިއު އަތުން ގެއްލުމުގެ ނާކާމިޔާބާއެކު އަލަގިޗް ރާއްޖެ ދޫކޮށް ފުރައިގެން ދިޔައިރު ނިއުގެ ހާލަތު އޮތީ އެންމެ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ.
ސޮބާ ނިއުގެ ކޯޗްކަމާ ހަވާލުވީ ބިދޭސީ ދެ ކޯޗުންގެ ނާކަމިޔާބާއެކު މިސީޒަންގައި ނިއުގެ މައްޗަށް އެހެން ޓީމުތަކުން ކާމިޔާބު ހޯދާނެ ކަމުގެ ހިތް ދަތި ކަމުގެ ތެރޭގައި ނިއުގެ ސަޕޯޓަރުން ތިއްބައެވެ.
ނަމަވެސް ސޮބާ ނިއުގެ ކޯޗް ކަމާ ހަވާލުވީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެދު ތެރެއިންނެވެ. މިޔަންމާގެ އަޔަވެދީ ޔުނައިޓެޑް އަތުން މާލޭގައި 3-0 ނަތިޖާއަކުން ބަލިވެފައިވާ ނިއު ވަނީ ސޮބާގެ ކޯޗްކަމުގެ ދަށުން މިޔަންމާގައި އަޔަވެދީއާ އެއްވަރު ކޮށްފައެވެ.
ލީގްގެ ކުރީކޮޅު ނިއު އޮތީ އެހެން ޓީމުތަކަށްވުރެ ފަހަތުގައެވެ. ނަމަވެސް ސޮބާ ޓީމާ ހަވާލުވެ އޭނާ ވަނީ މެޗަކަށް ފަހު މެޗެއް ނަތީޖާ ރަނގަޅުކޮށް ނިއު ތާވާލުގެ އެއްވަނައަށް ގެންގޮސްދީފައެވެ.
ތާވަލުގެ އެއްވަނައިގައި ނިއު ހަމަޖެހިލުމަށްފަހު ސޮބާ ވަނީ ނިއު ލީގް ނިންމާނީ ޗެމްޕިއަން ޓީމުގެ ގޮތުގައި ކަން ނިއުގެ ސަޕޯޓަރުންނަށް ޔަގީންކަން ދީފައެވެ.
މީގެ އިތުރުން ސޮބާ ވަނީ މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ފައިނަލަށް ނިއު ގެންގޮސްދީފައެވެ.
ސޮބާއަށް ފަހު ނިއުއިން ވަނީ ސާބިއާގެ ކޯޗެއް ކަމުގައިވާ ނިކޮލާ ކަވަޒޮވިޗް ގެނެސް އޭނޭއަށް ޓީމްގެ ކޯޗްކަން ހަވާލުކޮށްފައެވެ. ކަވަޒޮވިޗާ ޓީމް ހަވާލުވިއިރު ނިއު އޮތީ ރަނގަޅު ހާލަތައްކަށް އެޅި ޓީމެއްގެ ސިފަ ޖެހިފައެވެ. ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ލީގް ޗެމްޕިއަންކަމާ ހަމަޔަށް ނިއުރޭޑިއަންޓް ކުރި ދަތުރަގައި ސޮބާގެ ކޯޗް ކަމުގެ ދަށުން އެޓީމު އެއްވަނައަށް ގެންދިޔަ ފަހުން އެޓީމު ތާވަލުގެ އެއްވަނައިން ކައްސާލާފައެއް ނުވެއެވެ.
ލީގް ޗެމްޕިއަންކަމާ ހަމަޔަށް ނިއު ދިއުމުގައި ސޮބާ އަދާކުރި މުހިންމު ދައުރުގެ ސަބަބުން ނިއުގެ މެނޭޖުމެންޓުން ސޮބާ ފާހަގަ ކުރަނީ ނިއުގެ ކާމިޔާބުގެ އެންމެ މުހިންމު ތަނބުގެ ގޮތުގައެވެ.
ނިއުގެ މެނޭޖަރު އަމީން ފައިސަލް ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، މިސީޒަންގައި ލީގް ޗެމްޕިއަންކާމާ ހަމަޔަށް ނިއު ކުރި ދަތުރުގައި ގޮންޖެހުންތަކާއެކު ގަދަ ކަނޑުތަކުގައި ދަތުރު ކުރަން ޖެހުނު ކަމަށާއި އެ ދަތުރުގެ އެންމެ ގަދަ ކަނޑުތަކުގައި ނިއު ގޮވައިގެން ދަތުރުކޮށް ކުރިމަތިވި ގޮންޖެހުންތައް ނިއުއަށް ހުރަސްކޮށްދިން މީހަކީ ސޮބާ ކަމަށެވެ.
"ޝައްކެއްވެސް ނެތް ލީގް ޗެމްޕިއަންކަމާ ހަމަޔަށް ނިއުރޭޑިއަންޓު އައުމުގައި ސޮބާއަކީ މި ކާމިޔާބުގެ ބިންގާ އަޅައިދިން ފަރާތް. ސޮބާއާ ނުލައި މިރޭ މިތައްޓެއް ނިއުއަކަށް އުފުލައިލުމުގެ ޝަރަފެއް ނުލިބުނީސް. މި ކާމިޔާބު ފުރިހަމަ ވުމުގެ އެންމެ މުހިންމު ތަނބަކީ ސޮބާ،" އަމީން ފާހަގަ ކުރިއެވެ.
އަމީން ވިދާޅުވީ، ކުޅުންތެރިޔެއްގެ ގޮތުގަޔާއި އަދި ޚާއްސަކޮށް މިސީޒަންގައި ކޯޗެއްގެ ގޮތުގައި ސޮބާ ނިއުއަށްޓަކައި ކުރި މަސައްކަތަށް ނިއުއިން ސޮބާއަށް ސެލިއުޓް ކުރާ ކަމަށެވެ.
ސޮބާ އަބަދުވެސް ހުންނާނީ ނިއުއާ އެކުގައި ކަމަށާއި ސޮބާގެ ހިދުމަތް ނިއުއިން އަގުވަޒަން ކުރާނެ ކަމަށާއި ނިއު ރޭޑިއަންޓުން ލީގްގެ މެޑަލް ކަރުގައި އަޅުވާއިރު ސޮބާގެ ކަރުގައިވެސް މެޑަލް އެޅިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.