މަސްތުވާތަކެއްޗާ އެކު ތ. ގުރައިދޫ ކައުންސިލްގެ މެންބަރަކު ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ކައުންސިލް މެންބަރު އިބްރާހިމް އަލީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމަތާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެރޭ 9:15ގައި ތ. ގުރައިދޫން މީހަކު ހިފަހައްޓައި އެމީހާ ބަލައި ފާސްކުރި ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭނާ މަގުމަތިން ހިފަހައްޓައި ބަލައި ފާސްކުރި އިރު، އޭނާ ހުރިތަނުން ބިންމަތިން މަސްތުވާތަކެތި އަޅާފައި ހުރި ދެ ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެއީ 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށް، އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު އެމީހާ މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާގެ ބަންދަށް މަޑިފުށި ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.