ޕެޝާވަރު (ޑިސެމްބަރ 2) :މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގެ ޕެޝާވަރުގެ އަސްކަރީ ސްކޫލަކަށް ދިން ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ޕާކިސްތާނުގެ ޖަލެއްގައި މިއަދު ދަންޖައްސައި މަރާލައިފި އެވެ.

އަސްކަރީ ކޯޓަކުން މިދިޔަ ހަފްތާގައި މަރަށް ހުކުމް ކުރުމަށް ފަހު، މިއަދު ހުކުމް ތަންފީޒު ކޮށްފައި ވަނީ އަބްދުއްސަލާމް އާއި ހަޒްރަތް އަލީ އާއި މުޖީބު އައް ރަހްމާން އާއި ސަބީލް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޕާކިސްތާނުގެ ކޯޓެއްގައި އެމީހުންގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ ސްކޫލަށް ހަމަލާދިން މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކުށުގަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ދިން އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ހަނގުރާމަވެރިން ވަނީ ހަމަލާ ދިން ދުވަހު ލަންކާގެ ސަލާމަތީ ފަރާތްތަކާ ދެމެދު ހިނގި ކުރިމަތިލުމުގައި މަރުވެފަ އެވެ.

ޕެޝާވަރުގެ އާމީ ޕަބްލިކް ސްކޫލަށް ދިން އެހަމަލާގައި ހަނގުރާމަވެރިން ވަނީ ސްކޫލްގައި ބޮމެއް ގޮއްވުމަށް ފަހު 150 މީހަކަށް ބަޑިން ހަމަލާދީ މަރާލަފަ އެވެ. މަރާލި މީހުންގެ ތެރޭގައި ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުން ހިމެނެ އެވެ. ނަމަވެސް، ހަމަލާގައި ގިނައިން މަރުވީ ކުޑަކުދިންނެވެ.

މުޅި ޕާކިސްތާން ސިއްސުވާލި އެ ހާދިސާއަށް ފަހު ޕާކިސްތާނުގައި ތިބި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތަށް ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ސަރުކާރުން ވަރުގަދަ ކުރި އެވެ. އަދި ޓެރަރިޒަމް އާ ބެހޭ މައްސަލަތައް ބެލުމަށް ހާއްސަ އަސްކަރީ ކޯޓުތައް އުފައްދައި، ހަ އަހަރު ވަންދެން ހުއްޓަލާފައި އޮތް މަރުގެ ހުކުމް އަނެއްކާ ވެސް ތަންފީޒު ކުރަން ފެށި އެވެ.

މައުލޫމާތު: ބީބީސީ