02 Dec 2015, 13:00
އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ފާއިތުވި ދެ ދުވަހު މެދުކެނޑުމެއްނެތި ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތައުޒިޔާ ފޮނުއްވައިފި އެވެ.
މޯދީއަށް ރައީސް ޔާމީން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، ބައެއް މީހުން މަރުވެ އަދި ގިނަ ބަޔަކު ހާލުގައި ޖެހުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
ހަމައެއާއެކު، އިންޑިއާއަށް ދިމާވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން ތިބީ އިންޑިއާ އެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
ވަކިން ޚާއްސަކޮށް، ވިއްސާރައިގައި އަސަރު ކުރި އެންމެހާ ފަރާތްތަކަށް ރައީސް ޔާމީން ވަނީ ހެޔޮ ދުއާ ފޮނުއްވާފައެެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން އެކި ގޮތް ގޮތުން ގެއްލުން ލިބުނު އާއިލާތަކަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.
މިދިޔަ މަހުން ފެށިގެން އިންޑިއާ އަށް ކުރަމުން އަންނަ ވިއްސާރައިގައި މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ޗެންނާއީގެ 60 ޕަސެންޓް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވާއިރު، ހާހަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް ޗެންނާއީ އަށް ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައި ވާއިރު، ގިނަ މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.