02 Dec 2015, 12:56
ފްރާންސް ލީގްގައި އެންމެ ފަހުން އެ ޓީމް ކުޅުނު 10 މެޗު ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ ރޭ ކުޅުނު މެޗުން އެންޖާސް އަތުން އެއްވަރުވެ އެ ޓީމް ހަދަމުން އައި ރެކޯޑް ހުއްޓުމަކަށް އިއިސްފި އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ލީގުގެ އެއްވަނާގައި މިހާރު އޮތީ، 42 ޕޮއިންޓާއެކީގަ އެވެ. ޕީއެސްޖީއަށް ވުރެ އެއް މެޗު މަދުން ކުޅެ 28 ޕޮއިންޓާއެކީ އޮތީ، ކައޭންއެވެ. ތިންވަނާގައި 27 ޕޮއިންޓާ އެކީ އޮތީ، އެންޖާސްއެވެ.
ޕީއެސްޖީ އެއްވަނާގައި 14 ޕޮއިންޓްގެ ލީޑެއް ނަގާފައިވާ އިރު ކާއެން މިރޭ ރަށުން ބޭރުގައި މޮނާކޯ އަތުން މޮޅުވެއްޖެ ނަމަ ޕީއެސްޖީގެ ލީޑު 11 ޕޮއިންޓަށް ދައްވާނެ އެވެ.
އެންޖާސްގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޕީއެސްޖީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، މި މެޗުގައި ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެންހެލް ޑިމަރިޔާ އަދި، އެޑިންސަން ކަވާނީ އަށް ވަނީ ލިބިގެން ގޮސްފަ އެވެ.
ނަމަވެސް އެ ދެ ކުޅުންތެރިން ކުރިއަށް ފޮނުވާލި ދެ ހަމަލާވެސް އަމާޒުވީ، ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލޯރެންޓް ބްލޮންކް ވަނީ، އިދިކޮޅު ޓީމުގެ ކުޅުންތެރިން އެމީހުންގެ އަމިއްލަ ހާފުތެރޭ ތިބެ، ވިސްނައިގެން ކުޅޭ އިރު ގޯލް ޖެހުން އެއީ އުނދަގޫ ވާނެ ކަމަށް، ބުނެފަ އެވެ.
"އެންޖާސްގެ ދިހަ ކުޅުންތެރިން ކުޅުނީ ފަހަތަށް ޖެހިގެން. އެ ކުޅުންތެރިން ކުޅުނީ ވަރަށް އޮގަނައިޒްކޮށް ފައުލްތަށް ވެސް މަދުކޮށްގެން. އަހަރަމެންނަށް ލިބުނު ފުރުސަތުތައް ވެސް ބޭކާރު ވެގެން ދިޔައީ އެގޮތަށް ކުޅޭ ޓީމަކާ ދެކޮޅަށް ލަނޑެއް ޖެހުމަކީ ފަސޭހަކަމެއް ނޫން،" ބްލޮންކް ބުންޏެވެ.
ލީގުގައި ޕީއެސްޖީން 16 މެޗު ކުޅެފައިވާ އިރު، އެޓީމު އަދި ލީގުގައި މެޗަކުން ބަލިވެފައެއް ނުވެ އެވެ.