02 Dec 2015, 13:30
ހަކުރު އެކުލެވިގެންވާ ބުއިންތަކާ އެއްވަރަށް ހަކުރު އެކުލެވިގެން ނުވާ ބުއިންތަކުންވެސް ދަތްތައް ހަލާކުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މެލްބަރިން ޔުނިވާސިޓީގައި ތަފާތު 23 ވައްތަރުގެ ބުއިންތައް (ސޮފްޓް އަދި ސްޕޯޓްސް ބުއިންތައް އެކުލެވޭ ގޮތަށް) ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ހަކުރު އެކުލެވިގެންވާ ބުއިންތައް ބޭނުން ކުރުމުން ދަތްތަކަށް ލިބޭ ގެއްލުމާއި އެއްވަރަށ،ް ބުއިމަށް ދެވި ހިފާ މާއްދާތައް އެކުލެވޭ އަދި "ޕީއެޗް" ލެވެލް ދަށް "ޝުގާ ފްރީ" ބުއިންތަކުން ވެސް ދަތްތަކަށް ގެއްލުން ލިބެއެވެ.
ދިރާސާގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ އެރިކް ރޭނޯލްޑްސް ބުނީ، ހަކުރު ބޭނުންކުރާ މިންވަރު މަދު ކުރި ނަމަވެސް ދަތްތަކަށް ކުރިއެކޭ އެއްވަރަށް ގެއްލުން ލިބޭކަން ގިނަ ފަރާތްތަކަށް ނޭނގޭ ކަމަށެވެ.
"ހަކުރު އެކުލެވިގެންވާ މިންވަރު މަދު އަދި 'ޓޫތު ފްރެންޑްލީ' ޕްރޮޑަކްޓުތައް ޓެސްޓު ކުރި އިރުވެސް އޭގެއިން އެހެނިހެން ޕްރޮޑަކްޓުތަކާ އެއްވަރަށް ދަތްތަކަށް ގެއްލުންވާކަމަށް ފާހަގަ ކުރެވުނު،" ރޭނޯލްޑްސް ބުންޏެވެ.
ޝުގާ ފްރީ ބުއިންތަކުގެ އިތުރުން އެ ބާވަތުގެ ކާނާއިން ވެސް ދަތްތަކަށް ގެއްލުން ލިބޭ ކަމަށް ދިރާސާއިން ދައްކައެވެ.
އެގޮތުން ދަތްތައް ހަލާކުވަނީ އެފަދަ ކާނާއާއި ބުއިންތަކުގައި އެކުލެވޭ ކެމިކަލްތަކާއި އެސިޑުގެ ސަބަބުންނެވެ.