ކޮލަމްބޯ (ޑިސެމްބަރ 2): ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ އިން ކުރި ހަނގުރާމައިގައި ލަންކާގެ އަސްކަރިއްޔާ އިން ހިންގި ކަމަށް ބުނާ ޖަރީމާތަކުގެ ޝަރީއަތް ހިންގަން ޚާއްސަ ކޯޓެއް ގާއިމު ކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

މި އަހަރުގެ އޮގަސްޓް މަހު ސްރީލަންކާގެ ވެރިކަމަށް އައި ރައީސް މާތިރިޕިއްލަ ސިރިސޭނާގެ ސަރުކާރުން ވަނީ ޔޫއެންގެ އެހީ އާ އެކު ބޭރު ގައުމުތަކުގެ ފަނޑިޔާރުންނާއި ޕުރޮސިކިއުޓަރުން އެކުލަވާލައިގެން، ދެފުށް ފެންނަ ގޮތަށް އެމައްސަލަތައް ބަލާނެ ކަމަށް ބުނެފަ އެވެ.

ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރު ލަންކާގެ ނެޝަނަލް ޔުނިޓީ އެންޑް ރިކޮންސިލިއޭޝަން އޮފީހުގެ ވެރިޔާ ޗަންދުރިކާ ކުމާރަތަންގާ ވިދާޅުވީ ތަމަޅަ ރައްޔިތުންގެ އެދުމަކަށް ވާނީ ހަނގުރާމައިގައި ހިނގާފައިވާ ޖަރީމާތަކުގައި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ފަހު ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

"ހަނގުރާމަ މީގެ ހަތް އަހަރު ކުރިން ނިމިފައި ވިޔަސް، އަދިވެސް ސުލްހަ ގާއިމް ނުކުރެވޭ،" ކުމާރަތަންގާ ވިދާޅުވި އެވެ.

ކުމާރަތަންގާ އިތުރަށް ވިދާޅުވި ގޮތުގައި ޚާއްސަ ކޯޓު ހެދުމުގެ މަސައްކަތް މިމަހުގެ މަހުގެ ފަހުކޮޅު ނުވަތަ މިއަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

ލަންކާ ހަނގުރާމައިގެ ތެރޭގައާއި އޭގެ ފަހުން ވެސް ލަންކާގެ އަސްކަރިއްޔާ އިން އިންސާނިއްޔަތާއި ޚިލާފު ގިނަ އަމަލުތައް ކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ އެ ކުށްތައް ތަހުގީގު ކުރުމަށް އިންކާރު ކޮށްފަ އެވެ.

މައުލޫމާތު: ރޮއިޓާސް