ރާއްޖޭގައި ބާއްވާ މުޒާހަރާތަކުގައި އދ.ގެ ލޯގޯ ނަހަމަގޮތުގައި ބޭނުންނުކުރުމަށް ރާއްޖޭގައި ހުންނަ އދ.ގެ މިޝަނުން އަންގައިފި އެވެ.

އެ މިޝަނުގެ ޓުވީޓާ އެކައުންޓުން އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ވަކި ފަރާތަކަށް ނުޖެހުމަކީ އދ.ގެ އުސޫލެއް ކަމަށްވާ އިރު، އދ.ގެ ލޯގޯ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން "މިންޖުވާން" މި ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ލައިގެން ހުރި ޓީޝާޓުތަކާއި މުޒާހަރާގައި ބޭނުން ކުރި ދިދަތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއާ އެކު އދ.ގެ ލޯގޯ ވަނީ ހިމަނައިފަ އެވެ.

އެމްޑީޕީން އެ ލޯގޯ ބޭނުންކުރަން ފެށީ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ލާފައިވާ ރައީސް ނަޝީދު މިނިވަންކުރުމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބްލިއުޖީއޭޑީ) އިން ގޮވާލިފަހުންނެވެ.

އދ. އިން އެކުލަވާލާފައިވާ އުސޫލެއްގައި ބުނާގޮތުން އެ ޖަމިއްޔާގެ ލޯގޯ ބޭނުން ކުރެވޭނީ އެކަމަށް ހުއްދަ ދީފައިވާ ލިޔުމެއް ހޯދައިގެންނެވެ.

އެެހެންކަމުން، އދ. ގެ ލޯގޯ ބޭނުން ކުރުމުގެ ކުރިން އެ ހުއްދަ ހޯދުމަށް އދ. އިން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މައި ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އަދާލަތު ޕާޓީއަށް އިލްތިމާސް ކޮށްފައެވެ.