މިދިޔަ އަހަރުގެ ކެމްބްރިޖް އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި މިލަންދޫ ސްކޫލްގެ ދަރިވަރުން ހިސާބު ޕޭޕަރު ކޮޕީކުރުމާ ގުޅިގެން މުޅި ސްކޫލަށް ހިސާބުން "ސުމެއް" ދިނުމަށް ކެމްބްރިޖުން ނިންމި މައްސަލަ ބަލައި، އެކަމުގައި ސްކޫލުގެ ފަރާތުން އިހުމާލުވެފައިވާ ފަރާތްތައް ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމަކުން އެ ރަށުގައި ފަށާފައިވާ ތަހުގީގަށް އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިލަންދޫ ސްކޫލް މައްސަލައާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި ހިސާބު ޕޭޕަރުގެ އެންމެ ފަހު ސުވާލުގެ ޖަވާބު ހުރިހާ ކުދިން ކޮޕީ ކޮށްފައިވާއިރު އިންވިޖިލޭޓަރުންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިންވިޖިލޭޓަރު ހުރިހާ ކުދިންނަށް އެއްޖަވާބެއް ކިޔައިދީފައިވާ ކަން ތަހުގީގަށް އެނގޭ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.

"ކުދިންނަށް ޖަވާބު ބުނެދީފައިވަނީ އިންވިޖިލޭޓަރ ކަމަށް ތަހުގީގު ކުދިން ވަނީ ބުނެފައި. އަދި އޭގެ ތެރެއިން މަދު ކުދިން ތަކެއް އެކަމަށް އެއްބަސް ނުވި ނަމަވެސް ގިނަ ކުދިން ޖަވާބު ކިޔައިދިން ކަމަށް ވަނީ އެއްބަސްވެފައި،" ޖަމްޝީދު ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ތަހުގީގު ނިންމާ އެ މަޢުލޫމާތު މީޑިއާ އާ ހިއްސާ ކުރާނެ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ށ. އަތޮޅު ކައުންސިލްގައި ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު އަހްމަދު ފިރާގު ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވަނީ ހިސާބު ޕޭޕަރު ދަރިވަރުން ހެދިއިރު، ޗީފް އިންވިޖިލޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އެ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަލީ ޝިފާޒު އެވެ. އޭނާ ހުރީ މި މައްސަލައާ ގުޅިގެން ސިވިލް ސާވިސް އިން ސަސްޕެންޑްކޮށްފަ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި، ހަމަ މި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި އެސްކޫލްގެ ލީޑިން ޓީޗަރު މުހައްމަދު ނާޒިމު ވެސް ހައްޔަރުމަށް ވެސް ފުލުހުން މަސައްކަތްކުރަމުން އެބަދެ އެވެ. ނަމަވެސް އޭނާގެ އާއިލާ މީހަކު މަރުވުމާ ގުޅިގެން އެކަން ފަސްކޮށްލީ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.

ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުތަކުގެ މައްސަލަޖެހި އިމްތިހާން ހެދި ހުރިހާ ކުދިންނަށް "ސުމެއް" ލިބުނު މައްސަލައާ ގުޅިގެން ސްކޫލްގެ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ދަރިވަރުންނާއި ބެލެނިވެރިންތަކެއް ވަނީ ސްކޫލުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.