02 Dec 2015, 12:37
ކޮންމެ ކަމެއްގައި ވެސް އެންމެ ފަސޭހަ މަގު ޚިޔާރު ކުރުމަކީ އިންސާނުންގެ އާދައެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ "ޝޯޓް ކަޓް" އަކުން ކުރިއަރައި ދާށެވެ. އިންސާނުންގެ ސިކުނޑީގައި ކާމިޔާބާއި މޮޅު ހޯދުމުގެ ވިސްނުން ވަކި ހިތްޕާލާފައިވާ މިންވަރުން، ކަމުގެ ހަޤީޤަތް ހޯދުމުގެ ޚިޔާލެއް ގިނަފަހަރު ސިކުނޑިއަކަށް ނާދެ އެވެ. ކަމުގެ ދެކޮޅު ބެލުމެއް ނެތި ކުރެވޭ ކަމެއްގެ ސަބަބުން ދެރަ ލިބޭ ފަހަރު ވެސް މަދެއް ނޫނެވެ.
ދިވެހިންނަކީ ވެސް ހަމަ މިފަދަ ބައެކެވެ. ވަރަށް ފަސޭހައިން ހައްލާލެވެ އެވެ. ހާއްސަކޮށް ފައިސާގެ ދަލުގައި ޖެހޭލެއް ފަސޭހަ އެވެ. ރީލޯޑެއް ކޮށްލައިގެން ރާސްޓަސް ލާފައި މޮޅު ސައިކަލެއް ހޯދަން ބޭނުންވެ އެވެ. އަދި 2000 ރުފިޔާ މީހެއްގެ ފޯނަށް ފޮނުވައިގެން މާލެއިން ގެއެއް ލިބޭނެ ކަމަށް ހީކޮށް އުފާ ފާޅުކުރި ދިވެހިންވެސް އެބަތިއްބެވެ. ހެއްލުމުގައި ގެއްލުން ދެއްތޯއެވެ؟
އަނެއްކާ ވެސް މިއޮތީ މިފަދަ ވަރުގަދަ ޕްރޮމޯޝަނެއްގެ ވާހަކަ ވައިގައި ހިފައިފަ އެވެ. ގްލޯބަލް އިންޓަގޯލްޑްގެ ނަމުގައި ފައިސާގެ "ކުޑަ" މިންވަރެއް އިންވެސްޓް ކޮށްގެން އެއަށް ވުރެ އެތައް ގުނަ އިތުރަށް ފައިސާ ލިބޭނެ އިންވެސްޓްމަންޓް ސުކީމެއް މިހާރު ކުރިއަށް އެބަދެ އެވެ. ވަރަށް ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދާ މި ސުކީމަކީ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމުގެ ބޮޑު ޖަރީމާއެކެވެ. ނަމަވެސް މާބޮޑު މަސައްކަތަކާ ނުލައި ފައިސާ ލިބޭނެ މަގެއް ފެނުމުން ގިނަ ބަޔަކަށް މިވަނީ ކަމުގެ ހަގީގަތް އޮޅިފަ އެވެ.
ގްލޯބަލް އިންޓަގޯލްޑް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ނަން ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާކަން ފަޅާއަރާފައި ވަނީ މި ސުކީމުގައި ބައިވެރިވެގެން އެތައް މިލިއަނުން ގެއްލުންވެ، އެ މައްސަލަ އެފަރާތާ ހަމައަށް ދިއުމުންނެވެ.
މި ސުކީމް ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވާ އިރު، ގިނަ ބަޔަކަށް މިއީ ފޭކެއްކަން ނޭނގިފައި މިވަނީ، ހީލަތްތެރިންގެ ޗާލާކީ ކަމުންނެވެ. މި ސުކީމް ކުރިއަށްދާގޮތުން ފައިދާ ވެސް ވެފައި އެބަހުއްޓެވެ.
މި ސުކީމުގައި ބައިވެރިވާ މީހުންނަށް ގެއްލުން ވަނީ، މި ސުކީމުގެ ފަހަތުގައި ތިބި މީހުން ސުކީމު ދޫކޮށް ފިލުމުންނެވެ. އޭރުން ބައިވެރިން އިންވެސްޓް ކުރި ހުރިހާ ފައިސާއެއް ލިބިގެންދާނީ ސުކީމް ހިންގާ ފަރާތަށެވެ. މި ހިސާބުން ގެއްލުން ވަނީ އެންމެ މީހަކަށް ވެސް ނޫނެވެ. ތިބާގެ ފަރާތުން މި ސުކީމަށް ތައާރަފުވި އެންމެނަށް ވެސް ގެއްލުން ވާނެ އެވެ. މީގެ އިތުރުން މި ސުކީމުގެ ވަކި ހިސާބަކުން ތިބާ އަމިއްލައަށް ވަކިވާން ބޭނުންވި ނަމަވެސް، ސުކީމުގައި ތިބި އެންމެނަށް ލަނޑު ލިބުނީ އެވެ.
ފައިސާގެ ވަކި މިންވަރެއް އިންވެސްޓް ކޮށްގެން ބައިވެރިވެވޭ މި ސުކީމް ކުރިއަށް ދާގޮތުން، ބައިވެރިވާ ކޮންމެ މީހަކު ވެސް އިތުރު ދެމީހަކަށް މި ސުކީމް ތަޢާރަފް ކޮށްދޭން ޖެހެ އެވެ. އޭރުން ތައާރަފް ކޮށްދޭ ދެމީހުން މި ސުކީމުގައި ބައިވެރިވާން އިންވެސްޓް ކުރާ ފައިސާގެ ކޮންމެސް މިންވަރެއް އެމީހަކަށް ލިބެ އެވެ. އަދި މި ސުކީމް ގިނަ ބަޔަކަށް ތަޢާރަފް ކޮށްދީފި ނަމަ އެމީހަކަށް ލިބޭ ފައިސާ އިތުރުވެ އެވެ.
މިގޮތަށް ފައިސާ ލިބޭތީ ގިނަ ބަޔަކު ތިބެނީ ވަރަށް ހިތްހަމަޖެހިފަ އެވެ. ގޭގައި އޮވެގެން ވެސް ފައިސާ ލިބެމުން ދަނީ އެވެ. ނަމަވެސް މި ސުކީމް ކުރިއަށް ގެންދާ ފަރާތްތަކުން އޭގައި ބައިވެރިވި މީހުންނަށް ކެހި ދިނުމަށް ފަހު ފިލާ ހިސާބުން ދެން ލިބޭ ގެއްލުން މާބޮޑެވެ. އިންވެސްޓް ކުރި ހުރިހާ ފައިސާއެއް ގެއްލިގެން ދެ އެވެ.
ދިވެހިރާއްޖޭގައި ވެސް މި ސުކީމް ހިންގަމުން ގެންދާއިރު އެމެރިކާ، ނެދަލޭންޑްސް، ޑެންމާކް ފިލިޕީންސް ފަދަ ގައުމުތަކުގައި ވެސް، މި ސުކީމްގެ އަވަގައިޖެހި އެތައް ބަޔަކަށް ވަނީ ގެއްލުން ވެފަ އެވެ. މިކަންތައް ބޮޑުވެގެން އެގައުމުތަކުގެ ސަރުކާރުން ވަނީ ރައްޔިތުން އެކަމަށް ސަމާލުވެ ހޭލައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
މި ސުކީމް ހިންގާ މީހުންގެ ވެބްސައިޓުގައި ހާމަކޮށްފައި ވަނީ ދޮގު މައުލޫމާތުކަން ހާމަވެފައިވާ އިރު، އެ މީހުންނަކީ އެ ވިޔަފާރި ރަޖިސްޓްރީ ވެސް ކޮށްފައިވާ ބައެއް ނޫނެވެ. ނަމަވެސް މި މީހުންނަކީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.
މިފަދަ ކަންކަމަށް ދިވެހިންވެސް ހޭލަން ވެއްޖެ އެވެ. މިއީވެސް އޮޅުވާލައިގެން މަކަރާއި ހީލަތުން ރީލޯޑް ރާސްޓަސް ހޯދުން ފަދަ ކަމެކެވެ. ފައިސާގެ ދަޅައަށް ހެއްލުމުގެ ބަދަލުގައި ކަމުގެ ހަގީގަތް ހޯދައި، ދެކޮޅަށް ވިސްނައި ސަމާލުވެ ތިބުން މުހިންމެވެ.