މިއަހަރުގެ ބޮޑު ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބެންކޮކަށް ހާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، ބޮޑު ޗުއްޓީއާ ދިމާކޮށް ބެންކޮކަށް ކުރަން ނިންމާފައި ވަނީ ދެ ދަތުރެއް ކަމަށެވެ.

އެ ދެދަތުރުގައި ބެންކޮކަށް ފުރުން އޮންނާނީ މިމަހު 14 އަދި 21 ގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެނބުރި ރާއްޖެއަށް އައުން އޮންނާނީ މިމަހު 21 އަދި 26 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ބޮޑު ބަންދާ ދިމާކޮށް އާންމުކޮށް ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކޮށްލަން އަދި ބޭސްފަރުވާއަށް ވެސް ދާނެ ބެންކޮކަށް. އެހެންވީމަ އެފަދަ ފަރާތްތަކަށް ހާއްސަކޮށް އަޅުގަނޑުމެން މި ދަތުރުތައް ހަމަޖެއްސީ،" މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވި އެވެ.

ބެންކޮކް ދަތުރުގެ ރިޓާން ޓިކެޓްގެ އަގަކީ 355 ޑޮލަރެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖައްސާފައި ވަނީ މޯލްޑިވިއަން އިން އެންމެފަހުން ރާއްޖެއަށް ގެނައި 300 މަރުކާގެ އެއާބަސް ފްލައިޓުގަ އެވެ.

މޯލްޑިވިއަން އިން ކޮންމެ އަހަރެއްގެ ވެސް ބޮޑު ބަންދާ ދިމާކޮށް އެތެރޭގެ އަދި ރާއްޖެއިން ބޭރަށް ވެސް ހާއްސަ ފްލައިޓްތަކެއް ބާއްވަ އެވެ.