އިންޑިއާގެ ޗެންނާއީ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގައި ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރަކު ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފިއެވެ.

އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޗެންނާއީގެ އެސްއާރްއެމް ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުން އަންނަ އެދަރިވަރު ބަދަލުކުރީ ކަރަންޓުގެ ޚިދުމަތް ލިބޭ ސަރަހައްދަކަށް ކަމަށެވެ.

މިވަގުތު ޗެންނާއީގައި ތިބި ހުރިހާ ދިވެހީންވެސް ހައި ކޮމިޝަނުގެ ހޮޓްލައިނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގައި ހުންނަ ދިވެހި ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ޗެންނާއީ އަށް ދެ ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ވިއްސާރާގައި، ޗެންނާއީ އެއާޕޯޓުގެ ރަންވޭގައި ފެން ބޮޑުވުމުގެ ސަބަބުން ދަތުރުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި 400 އެއްހާ ފަސިންޖަރުން ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.

މިއަދުގެ މިހާތަނަށް ޗެންނާއީ އެއާޕޯޓުން ނުވަ ފްލައިޓެއް ކެންސަލްކޮށްފައި ވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އެއާޕޯޓުގެ އިތުރުން މަގުތަކުގައި ފެންބޮޑުވެ، އެއްގަމު ދަތުރުފަތުރަށްވެސް ވަނީ ބުރޫ އަރާފައެވެ. އަދި މިހާތަނަށް 13 ރޭލު ދަތުރެއްވެސް ވަނީ ކެންސަލްކޮށްފައެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ޗެންނާއީ އަށް ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައި ވާއިރު، ގިނަ މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޗެންނާއީގެ 60 ޕަސެންޓް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވާއިރު، ހާހަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.