07 Apr 2011, 16:45
ހއ އާއި ހދ ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހދ. ހަނިމާދު އަށެވެ. އެރަށަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގުމާއި، ރަށުގެ ތަރައްޤީއަށް ސަރުކާރުން މިހާރު ހިންގަމުންގެންދާ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.
އެގޮތުން ހަނިމާދޫ އެއާޕޯޓް ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމް މިހާތަނަށް ކުރިއަށް ގޮސްފައިވާ ހިސާބާއި، އެއާޕޯޓާ ގުޅިގެން އިތުރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތައް ތަރައްޤީ ކުރުމާ ބެހޭގޮތުންވެސް ރަށު ކައުންސިލާއެކު ރައީސް ނަޝީދު މަޝްވަރާކުރެއްވި އެވެ. އަދި ހަނިމާދޫ އެއާޕޯޓް ސަރަޙައްދުގައި 200 އެނދުގެ ހޮޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތާއި، އެއާޕޯޓު ސަރަޙައްދުގައި ހަދަމުގެންދާ ޖެޓީގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުގެ މައުލޫމާތު ރައީސް ކައުންސިލާއެކު ހިއްސާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މީގެއިތުރުން، އެ ރަށުގައި ހިންގާ ވާޖިން ކޮކޮނަޓް އޮއިލް އުފެއްދުމުގެ މަޝްރޫއު އިތުރަށް ފުޅާ ކުރައްވައި، މިކަމުން އިޤްތިސާދީ ފައިދާ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ހަނިމާދޫ ރަށު ކައުންސިލާއެކު މަޝްވަރާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު ހަނިމާދުއަށް ކުރެއްވި ޒިޔާރަތުގައި، މި މަޝްރޫއުގެ ދަށުން، އެރަށުގައި ޤާއިމްކޮށްފައިވާ އުތުރު ސަރަހައްދުގެ ވާޖިން ކޮކޮނަޓް އޮއިލް ޕްރޮސެސިން ޕްލާންޓަށް ޒިޔާރަތް ކުރެއްވި ކަމަށާއި އެ ޕްލާންޓުގެ ހިންގުން މިހާރު ވަނީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހަވާލުކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހަނިމާދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެހެން މަޝްރޫއުތަކުގެ ތެރެއިން، ރަށުގެ ނަރުދަމާގެ މަޝްރޫ އާއި، ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ދަށުން އިމާރާތް ކުރާ ގެދޮރާއި، އެރަށަށް ބަދަލުކޮށްފައިވާ ހއ. ހަތިފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ މައުލޫމާތު، ރައީސް ކައުންސިލާ ހިއްސާކުރެއްވި އެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބާރަށަށް ކަމަށާއި އެއަށްފަހު ވަޑައިގަންނަވާނީ އެއަތޮޅު ކެލޭ އަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.