02 Dec 2015, 10:45
ރިޖެންޓް ސެވަން ސީސް ކުންފުނީގެ ލަގްޒަރީ ކުރޫޒްލައިނާއެއް މިއަދު ހެނދުނު ރާއްޖެ އަށް އަތުވެއްޖެ އެވެ.
އެމެރިކާ އަށް ނިސްބަތްވާ ރިޖެންޓް ސެވަން ސީސް ކުންފުންޏަކީ ގިނަ ލަގްޒަރީ ކްރޫޒްލައިނާތަކެއް އޮޕަރޭޓްކުރާ ކުންފުންޏެކެވެ.
ކްރޫޒް ލައިނާ އިން މާލެއަށް ޓޫރިސްޓުން ފައިބާ ހިސާބުގައި ހަރަކާތްތެރިވި ރިޖެންޓް ސެވަން ސީސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އެ ކްރޫޒް ލައިނާ އިން ގާތްގަނޑަކަށް 700 ވަރަކަށް ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ ޓޫރިސްޓުން ހިމެނެ އެވެ.
އޭނާ ވިދާޅުވީ، މިމަހު ފަހުކޮޅު އަދި ޖެނުއަރީގައި ވެސް އެ ކުންފުނީގެ ލަގްޒަރީ ދެ ކްރޫޒްލައިނާ އެއް ރާއްޖެ އަށް އަންނަން ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ކްރޫޒްލައިނާއެއްގައި ވެސް 700 ވަރަކަށް މީހުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރޫޒްލައިނާތައް ރާއްޖެއަށް އައުމުން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދި އާންމުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އެގޮތުން ސުވެނިއާ ޝޮޕްތަކުން އެމީހުން ގިނަ އަދަދަކަށް ވިޔަފާރި ކުރާއިރު މިއަދު މާލެއަށް ފޭބި ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދަތުރުވެރިންގެ މާރުކާޓުން ވެސް ވިޔަފާރި ކުރަމުންނެވެ.
މި ދުވަސްވަރަކީ ޓޫރިޒަމްގެ ހައި ސީޒަނަށްވާ އިރު ރާއްޖެއަށް މިދިޔަ މަހު ވެސް ބޮޑު ކްރޫޒްލައިނާއެއް އަންނަން އޮތެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެ ކްރޫޒްލައިނާގެ ދަތުރު ވަނީ އަވަށްޓެރި ސްރީލަންކާއަށް ބަދަލުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން ރާއްޖެއަށް އަންނަން ހަމަޖެއްސި ގިނަ ފަތުރުވެރިންތަކެއް ވަނީ އެމީހުންގެ ބުކިންތައް ކެންސަލްކޮށްލާފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން މިއީ ރާއްޖެ އަށް އައި ފުރަތަމަ ކްރޫޒްލައިނާ އެވެ.