02 Dec 2015, 10:30
މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގއ. އަދި ގދ. އަތޮޅު މުބާރަތުގެ މެޗުގައި ހަމަނުޖެހުން ހިންގުމުން ގއ.ވިލިނގިއްޔާއި ގދ. ގައްދޫ ބޮޑު އަދަދަކުން ޖޫރިމަނާކޮށް މެޗުން ބަލިވިކަމަށް ކަނޑައަޅައިފިއެވެ.
އެފްއޭއެމް އިން އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ވަނީ ވިލިނގިއްޔާއި ދެއްވަދޫ ބައްދަލު ކުރި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވިލިނގިލީ ޓީމުގެ އަހްމަދު ނިޒާމާއި ދެއްވަދޫ ޓީމުގެ ނަސީހު ސައީދާ ދެމެދު ތަޅާ ފޮޅުމެއް ހިނގުމުން ދެ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ވިލިނގިލީ ޓީމްގެ ސަޕޯޓަރުން ދަނޑަށް އެރުމުން މެޗު ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އޭގެފަހުން ފުލުހުންގެ އެހީތެރިކަމާ އެކު އެމީހުން ދަނޑުން ބޭލުމުން މެޗު ކުރިއަށް ގެންދެވޭނެ ހާލަތު މެދުވެރިވި ކަމަށާއި ނަމަވެސް އެވަގުތު ދެއްވަދޫ ޓީމުން ކުޅެން ތައްޔާރުވިއިރު، ވިލިނގިލީ ޓީމުން ކުޅެން ދެކޮޅުހަދައި އެޓީމްގެ ގޯލްކީޕަރު އަހްމަދު ޖުނައިދާއި އާތިކް އިބްރާހިމް ރެފްރީއާ ދިމާލަށް ދެން ބޭނުންވަނީ މާރާމާރީ ހިންގަންކަމަށް ބުނެފައިވާ ކަމަށް ވެސް މައްސަލަ ނިންމި ރިޕޯޓުގައި ވެއެވެ.
މައްސަލަ ނިންމި ރިޕޯޓުގައިވާގޮތުން މެޗް ހުއްޓާލަން ޖެހުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ވިލިނގިލީ ޓިމުންނެވެ. ސަބަބަކީ އެންމެ ފުރަތަމަ ދަނޑަށް އަރައި ހަމަނުޖެހުން ހިންގީ އެޓީމުން ކަމުގައިވާތީ އާއި ރެފްރީ މެޗު ކުޅެން އެންގުމުން ކުޅެން ދެކޮޅު ހެދީ އެޓީމު ކަމަށްވުމުންނެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު 3-0 ގެ ނަތީޖާއަކުން ވިލިނގިލީ ޓީމް ބަލިވިކަމަށް ކަނޑައަޅައި 15،000 ރުފިޔާއިން ވަނީ އެ ޓީމް ޖޫރިމަނާކޮށްފައެވެ. ހަމައެހެންމެ ދެއްވަދޫ ޓީމުގެ ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރާފައި ވުމުން އެޓީމު 10،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ވިލިނގިލީ ޓީމުގެ ކީޕަރު ޖުނައިދާއި އާތިކުގެ އިތުރުން އަފްރާދު ހަސަން އެމެޗްގައި ހަމަނުޖެހުން ހިންގާފައިވާތީ އެ ތިން މީހުން ފަސް މެޗަށް ސަސްޕެންޑްކޮށް 5،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ދެއްވަދޫ ޓީމުގެ އަހްމަދު މުއާޒު ވިލިނގިލީ ޓީމުގެ ކުޅުންތެރިނާއި ސަޕޯޓަރުންނަށް ނިސްބަތްކޮށް އަޚްލަގީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވާތީ އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑުކޮށްފައެވެ.
ގައްދޫ އާއި ތިނަދޫ ބައްދަލުކުރި މެޗްގެ 83 ވަނަ މިނެޓްގައި ތިނަދޫ ޓީމުން ލަނޑު ޖެހިއިރު ގައްދޫ ޓީމުގެ ކުޅުންތެރިޔަކު ދަނޑު މައްޗަށް ވެއްޓިފައިވުމުން އެކަމާ ހިތްހަމަނުޖެހި ގައްދޫ ޓީމުގެ ސަޕޯޓަރުން ދަނޑަށް އެރުމުން ގައްދޫ ޓީމް އެ މެޗުން ބަލިވި ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އަދި އެޓީމް ވަނީ 12،500 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.
ގައްދޫ ޓީމުގެ ކުޅުންތެރިޔާ ދަނޑުމައްޗަށް ވެއްޓިފައި އޮތީ ސީރިއަސް އަނިޔާތަކެއް ވެގެންނޫން ކަމަށް ރެފްރީގެ ރިޕޯޓާ ހަވާލާދީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުގައި ވެއެވެ.
އެމެޗްގައި ތިނަދޫ ޓީމު ލަނޑު ޖެހުމުން ގައްދޫ ޓީމުގެ ބެންޗަށް އިޝާރާތްކޮށް އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވާތީ ތިނަދޫ ޓީމުގެ މެނޭޖަރު މުޙައްމަދު ވިފާގު ވަނީ ހަތަރު މެޗަށް ސަސްޕެންޑުކޮށްފައެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ނިންމިގޮތާމެދު ހިތް ހަމަނުޖެހޭނަމަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އެޕީލްކޮމެޓީއަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވެއެވެ.