02 Dec 2015, 10:56
ކެޕިޓަލް ވަން ކަޕްގައި ހަލް ސިޓީގެ މައްޗައް 4-1ގެ ނަތީޖާ އަކުން ކުރި ހޯދައި މެންޗެސްޓާ ސިޓީ އެ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗްގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ފުރަތަމަ ގޯލް، 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެޓީމުގެ ފޯވާޑް ވިލްފްރެޑް ބޮނީ އެވެ.
މެޗްގެ 80 ވަނަ މިނެޓްގައި ސިޓީގައި ސިޓީގެ އިޔަނާޗޯ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑް ފުޅާ ކޮށްދިން އިރު އެ ޓީމްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ކެވިން ޑެ ބްރޫން އެވެ.
ހަލް ސިޓީގެ ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބަޓްސަން އެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ، ސިޓީން މި މުބާރާތުގެ ސެމީއަށް ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ.

ކެޕިޓަލް ވަން ކަޕްގައި ރޭ މެން ސިޓީއާއި ހަލް ސިޓީ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ރޭގެ މެޗްގައި ސިޓީގެ ޑޭވިޑް ސިލްވާ 80 މިނެޓްގެ ކުޅުން ފުރިހަމަ ކޮށްފައިވަތީވެ އެ ކަމާ ހިތްހަމަ ޖެހުން ފާޅު ކޮށްފަ އެވެ.
"ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅެ މޮޅުކުޅުމެއް ދައްކައި މެޗު ކާމިޔާބު ކުރެވުމުން އެކަމާއި ވަރަށް ހިތްހަމަޖެހިފަ މިހުރީ. އަހަރެންގެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް އެ މެޗްގައި ފެނިފައިވަނީ،" ސިޓީގެ ކޯޗު ބުންޏެވެ.
ސިޓީގެ އިތުރުން، މުބާރާތުގެ ސެމީއަށް ރޭ ވަނީ އެވަޓަން އާއި ސްޓޯކް ސިޓީ ވެސް ދަތުރުކޮށްފަ އެވެ. އެވަޓަން ސެމީގެ ޖާގައެއް ކަށަވަރު ކުރީ ރޭ މިޑިލްސްބަރާގެ މައްޗަށް 0-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ސްޓޯކް ސިޓީ ރޭ ކުޅުނު މެޗް 0-2ގެ ނަތީޖާ އަކުން ޝެފިލްޑް ވެނިސްޑޭ ބަލިކޮށް ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ.
އެ މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ. އެގޮތުން ލިވަޕޫލް މިރޭ ސައުތެމްޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ.