02 Dec 2015, 09:47
މުސްތަގުބަލުގައި ޕްރޮޑަކްޝަންގެ ދާއިރާއިން ފެނިގެން ހިނގައިދާނެ ކަމުގެ ފެހި ސިގްނަލް މަޝްހޫރު އަދި ކާމިޔާބު ފިލްމުތަކެއް މިހާތަނަށް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ދީފިއެވެ.
އިންޑިއާގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ ޕްރޮޑިއުސަރަކަށްވާން ބޭނުންވާ ސިފަތައް އޭނާގެ ކިބައިގައި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.
ދީޕިކާ ބުނީ އޭނާ ފިލްމު ޕްރޮޑިއުސް ކުރަން ބޭނުން ވަނީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ކަންތައްތައް ރާވައި ހިންގުމަށް އޭނާ ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
އަދި ފިލްމު އުފެއްދުމުގެ ޓެކްނިކަލް ކަންތައްތައް މާ ބޮޑަށް ނޭނގުނު ނަމަވެސް އޭނާ ބޭނުންވަނީ ބެލުންތެރިން ހިތްހަމަ ޖެހޭނެ ފަދަ ފިލްމު އުފައްދަން ކަމަށް އޭނާ ބުންޏެވެ.
ދީޕިކާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފިލްމެއް ޕްރޮޑިއުސް ކުރަން ލިބިއްޖެ ނަމަ ޕްރޮޑިއުސް ކުރާނީ ކޮން ފިލްމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، އޭނާ އެންމެ ޕްރޮޑިއުސް ކުރާ ހިތް ވަނީ ޕީކޫ، ލަވް އާޖްކަލް، ކޮކްޓެއިލް އަދި ތަމާޝާ ކަމަށެވެ.
ބޮލީވުޑްގައި ޕްރޮޑަކްޝަންގެ ދާއިރާއިން ފެނިގެން ދިޔަ ބައެއް ތަރިންގެ ތެރޭގައި، އަނުޝްކާ ޝަރްމާ، ޝިލްޕާ ޝެޓީ ޑިއާ މިރްޒާ އަދި ލާރާ ދައްތާ ފަދަ ތަރިން ހިމެނެއެވެ.
މައުލޫމާތު: އައިބީއެން ލައިވް