02 Dec 2015, 09:20
ގައިދީއަކު ޖަލަށް ވެއްދުމުގެ ކުރިން މެޑިކަލް އެސެސްމެންޓު ހަދަންޖެހޭ ގޮތަށް ހުކުމް ތަންފީޒު ކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު އެކުލަވާލައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިންގާ އެ ގަވާއިދުގައި ބުނެފައި ވަނީ ކޮންމެ ގައިދީއަކު އަދި ބަންދު މީހަކުވެސް ޖަލުގައި ބަންދު ކުރުމުގެ ކުރިން މެޑިކަލް އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ ވަކި ނަރުހެއް އެ ގައިދީއެއް ނުވަތަ އެ ބަންދު މީހެއްގެ މެޑިކަލް އެސެސްމެންޓު ހަދަންޖެހޭނެ ކަމަށެވެ.
ގަވާއިދުގައި ބުނެފައި ވަނީ މެޑިކަލް އެސެސްމެންޓެއް ހަދަނީ ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ކަމަށެވެ. އަދި އެ މީހަކަށް ބޭނުންވަނީ ކޮންކަހަލަ ފަރުވާއެއްތޯއާ ގައިން ގަޔަށް އަރާ އެއްވެސް ބައްޔެއް އެ މީހެއްގެ ގައިގައި ހުރިތޯ ބެލުމަކީ ވެސް މެޑިކަލް އެސެސްމެންޓެއް ހަދަންޖެހޭ ކަމެއް ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.
ހުކުމް ތަންފީޒު ކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދުގައި ބުނެފައި ވަނީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ ތެރެއިން މީހަކު ބަލިވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ފަރުވާދޭނީ އެ ގައިދީއަކު ހުރިތަނެއްގައި ހުންނަ ޑޮކްޓަރަކު ކަމަށެވެ. އަދި އިތުރަށް ފަރުވާ ދިނުމަށް އެޑޮކްޓަރަށް ފެންނަ ނަމަ ފަރުވަ ދިނުމަށް ހަމަޖައްސާނީ ރާއްޖޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ކަމަށާއި އެފަދަ ތަނަކުން ދެވެން ނެތް ހިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެލްތު މިނިސްޓުރީގައި ރަޖިސްޓުރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއް ނުވަތަ ސެންޓަރަކުން ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ޖަލުގައި ގައިދީއަކަށް އަނިޔާވެއްޖެ ނަމަ ވަގުތުން އެމީހަކު ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކާ ފަރުވާ ދިނުމާއި ޖަލުގެ މެޑިކަލް ސެންޓަރުން ދެވެން ނެތް އިތުރު ފަރުވާއެއް ދޭންޖެހޭ ނަމަ އެފަރުވާއެއް ލިބެން ހުރި ތަނަކަށް ގޮސް އެ ފަރުވާއެއް ދޭންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ޖަލުގައި ގައިދީއަކު މަރުވެއްޖެ ނަމަ ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކާ މެޑިކަލް އެގްޒަމިނޭޝަނެއް ހަދަންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ މަރުގެ ތަހުގީގު ކުރުމަށް ފުލުހުންނަށް ހަވާލުކުރަންޖެހޭނެ ކަމަށާއި ފުލުހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ނޫނީ މައްޔިތާގެ ހަށިގަނޑު ވަޅެއް ނުލެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ޖަލުގައި ގައިދީއަކަށް މަރުވެ ނުވަތަ އަނިޔާ ލިބިއްޖެ ނަމަ އަމަލު ކުރާނެ ބައެއް އުސޫލުތައް:
- ގައިދީއަކު މަރުވީ މާރާމާރީއެއްގެ ސަބަބުން ކަމަށްވާ ނަމަ 48 ގަޑިއިރު ތެރޭގައި މިނިވަން މުއައްސަސާއަކަށް ކަން ހިނގި ގޮތް ކިޔާދިނުން
- ގައިދީއަށް އަނިޔާ ލިބުނީ މާރާމާރީއެއްެގެ ސަބަބުން ކަމަށްވާ ނަމަ ކަމާ ގުޅޭ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އެޅުން
- މާރާމާރީއަކުން ގައިދީއަކު މަރުވެއްޖެނަމަ ސަލާމަތީ ފިޔަވަޅުތައް އެޅުން
- ޖަލުގައި މަރުވީ ބިދޭސީއެއް ނަމަ އޭނާ ނިސްބަތްވާ ގައުމެއްގެ އެމްބަސީއަކަށް ވަގުތުން އެންގުން.