02 Dec 2015, 09:10
ހަ ދާއިރާއަކުން މަތީ ތައުލީމުގެ ފުރުސަތު ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓުމަންޓުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން "ސީ" ގްރޭޑުން ފެށިގެން މަތީ ގްރޭޑުތައް ހާސިލުކޮށްފައިވާ ކޮންމެ ދަރިވަރަކަށް ވެސް އެ ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާނެ ކަމަށެވެ. ހަތަރު އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީ ހާސިލު ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ އެ ކޯސްތަކަކީ ބަންގުލަދޭޝްގައި ކުރިއަށްދާ ކޯސްތަކެކެވެ.
ކޯހުގެ ދާއިރާތައް:
- ސިވިލް އިންޖިނިއަރިން
- ކޮމްޕިއުޓާ ސައިންސް އެންޑް އިންޖިނިއަރިން
- އިލެކްޓްރިކަލް، އިލެކްޓްރޯނިކް އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިން
- މެކޭނިލަލް އިންޖިނިއަރިން
- އެއަރޮނޮޓިކަލް އިންޖިނިއަރިން
- ނޭވަލް އާކިޓެކްޗަ އެންޑް މެރިން އިންޖިނިއަރިން
ހަޔާ އެޑިއުކޭޝަނުގެ އިއުލާނުގައި ބުނެފައި ވަނީ ޖީސީއީ އޭލެވެލްގެ ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ އިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ދަރިވަރުން ނުވަތަ ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ"ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް އެ ކޯހަށް ކުރިމަތިލެވޭނެ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ އެ ސްކޮލާޝިޕްގެ ދަށުން ކޯސް ހަމަޖެހޭ ދަރިވަރުންގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށް ކަމަށެވެ. އަދި ބުނީ ސްކޯލިޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް ކޯހަށް ކަމަށާއި އެއް ކޯހަށް ވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފި ނަމަ ހުރިހާ އެޕްލިކޭޝަންތައް ބާތިލުވާނެ ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުގެ އިއުލާނުގައި ބުނެފައި ވަނީ އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާ ނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް ބެލެވޭނެ ކަމަށެވެ. އޭގެތެރޭގައި އެޗްއެސްސީ އިމްތިޙާނުގެ އިސްލާމް އަދި ދިވެހި ހިމެނޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެންނުވާނެ ކަމަށެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން ޑިޕާޓުމަންޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ހަ ދާއިރާއިން ކުރެ އެއްވެސް ދާއިރާއަކަށް އެއްވެސް ދަރިވަރަކު ޝައުގުވެރިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން އެ ޑިޕާޓުމަންޓަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ.