07 Apr 2011, 16:00
ޕެރިސް : މަޤާމުގެ މުއްދަތު ހަމަވެފައިވާ، އައިވަރީ ކޯސްޓްގެ ރައީސް ލޮރެން ބަގްބޯ ވެރިކަމުން ދުރުކުރުމާބެހޭގޮތުން އޭނާއާ ދެކެވެމުންދާ ވާހަކަތައް ނާކާމިޔާބުވެއްޖެކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު އެލެން ޖުޕޭ ވިދާޅުވެއްޖެވެ.
މިވާހަކަތައް ކުރިޔަށްދިޔައީ ބަގްބޯ ޤައުމުން ބޭރަށް ވަޑައިގަތުމާބެހޭގޮތުން ކަމަށާއި ވާހަކަތައް ނާކާމިޔާބުވީ ރިޔާސީ އިންތިޚާބުގައި ބަލިވިކަން ޤަބޫކުރައްވައި ޤައުމުގެ ރައީސަކީ އެލަސަން ވުތަރާ ކަމަށް ބަގްބޯ ލައްވައި އެއްބަސްކުރުވުމަށް ވުތަރާ ބާރުއެޅުއްވުމުގެ ސަބަބުން ކަމަށް ޖުޕޭ ވިދާޅުވިއެވެ. މިއާއެކު ވުތަރާގެ ބާރުތަކަށް އަމާން ދެއްވުމަށްވެސް ބަގްބޯ ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް އަބިޖާނުން ލިބޭ ޚަބަރުތައް ބުނެއެވެ. މިވާހަތައް ކުރިޔަށްދިޔައީ އދ. ގެ މަންދޫބު އިސްކޮށް ހުންނަވައިގެން ފަރަންސޭސި ސަފީރުގެ ބެއްލެވުމުގެ ދަށުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ބަގްބޯގެ ވާދަވެރިޔާ އަދި އިދިކޮޅު ލީޑަރ އެލަސަން ވުތަރާ ކަމަށް ވިޔަސް މިކަން ޤަބޫލުކުރައްވައި ވެރިކަމުން ފާބައި ވަޑައިގަތުމަށް ބަގްބޯ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ބައިނަލްއަޤްވާމީ މިޖްތަމަޢުން ގެންދަނީ އައިވަރީ ކޯސްޓްގެ ރައީސަކީ ވުތަރާ ކަމަށް ޢިޢްތިރާފްވެ ބަގްބޯއަކީ މުއްދަތު ހަމަވެފައިވާ ރައީސެއްކަމަށް ބަލަމުންނެވެ.
ބަގްބޯ ވެރިކަމުން ދުރުކޮށް އައިވަރީ ކޯސްޓްގެ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްޓަކައި ވުތަރާ، އޭނާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާއެކު ހިންގަމުން ގެންދެވި ޢަސްކަރީ ޙަރަކާތްތަކުގައި ބަގްބޯ ގެ ލަޝްކަރުތައް ބަލިވެ އޭނާ ޙިސާރު ކުރެވިފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ވުތަރާގެ ތަރްޖަމާނަކުވަނީ ބަގްބޯ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރުވެސް އަތްދަށަށް ގެނެވި ބަގްބޯ ޙިސާރުކުރެވިފައިވާ ކަންވެސް ހާމަކޮށްފައެވެ. ބަގްބޯއަށް ތާއީދުކުރާ ފަރާތްތަކުންވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ.
ބަގްބޯ އަދި ހައްޔަރު ނުކުރެވުނު ނަމަވެސް އޭނާ ހައްޔަރު ކުރަންބޭނުންނަމަ އެކަންކުރެވިދާނެ ކަމަށާއި ބަގްބޯއަށް މިހާރު ދެވިފައިވަނީ ޤައުމުގެ ރައީސަކީ ވުތަރާކަން ޤަބޫކުރައްވުމަށްފަހު ޤައުމުން ބޭރަށް ވަޑައިގަތުމުގެ ފުރްސަތު ކަމަށް ވުތަރާގެ ތަރްޖަމާން ޕެޓްރިކް އެންޗީ ވިދާޅުވިއެވެ. މިފުރްސަތުގެ ބޭނުން ނުހިއްޕަވާނަމަ ބަގްބޯ ހައްޔަރުކޮށް އޭނާ ޝަރީއަތަށް ޙާޒިރު ކުރާނެ ކަމުގެ އިންޒާރުވެސް ވުތަރާގެ ތަރްޖަމާން ދެއްވިއެވެ.
ރޮއިޓާސް ބުނާގޮތުން މިއަދުވެސް އައިވަރީ ކޯސްޓްގެ ރިޔާސީ ގަނޑުވަރުގެ ކައިރީގައި ދެފަރާތުގެ ހަނގުރާމަވެރިން ޙަމަލާތައް ބަދަލު ކުރަމުން އެބަގެންދެއެވެ. ނަމަވެސް ބަގްބޯގެ ބާރު ވެރިރަށް އަބިޖާނުން އަދި އެއްކޮށް ކަނޑުވައިނުލެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ބަގްބޯއާއި ވުތަރާގެ އަރާރުންތަކުގެ ސަބަބުން އައިވަރީ ކޯސްޓްގެ އެތަށް ހާސްބަޔަކު މަރުވެ ޒަޚަމްވެ އެތަށް ލައްކަބަޔަކު ޙާލުގައި ޖެހި ޤައުމުވަނީ ނުރައްކާތެރި ޙާލަތަކަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)