01 Dec 2015, 22:41
މާވެޔޮ މަގުގައި ހުންނަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އާ މިސްކިތެއް އިމާރާތްކުރުމަށް އެ މިސްކިތް މިއަދު ބަންދުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް އިބްރާހީމް އަހްމަދު މިރޭ ސަން އަށް ވިދާޅުވީ މާވެޔޮމަގުގައި ހުންނަ މަސްޖިދުލް ބަހާއުއްދީން ތަޅާލުމަށްފަހު އެތަނުގައި އާ މިސްކިތެއް އިމާރާތްކުރަނީ އަމިއްލަ ފަރާތަކުން ކަމަށެވެ.
އޭނާ ވިދާޅުވީ އަމިއްލަ ފަރާތަކުން އެތަނުގައި އިމާރާތް ކުރަނީ ތިން ބުރީގެ މިސްކިތެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ހޭދައެއް ވެސް ކުރަނީ އެފަރާތުން ކަމަށެވެ.

"އެބޭފުޅުން އަމިއްލައަށް ކުރެހުން ވެސް ނިންމައިގެން މިސްކިތަށް ވަޑައިގަތީ. އަދި އެބޭފުޅުންގެ އަމިއްލަ ޚަރަދުިގައި މިސްކިތް އިމާރާތް ކުރަނީވެސް،" އިބްރާހީމް އަހްމަދު ވިދާޅުވި އެވެ.
ދެބުރިއަށް ނަގާފައިވާ އެ މިސްކިތަކީ 400-450 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އަލަށް އިމާރާތްކުރާ ތިން ބުރީގެ މިސްކިތަކީ 800 މީހުންނަަށް ނަމާދު ކުރެވޭ މިސްކިތަކަށް ވެގެންދާނެ ކަމަށް ވެސް އިބްރާހީމް އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ތެރޭގައި އެ މިސްކިތް ހުޅުވޭނެ ކަމަށް މިނިސްޓްރީއަށް ލަފާކުރެވޭ ކަމަށެވެ.