މީހެއްގެ ގައިގައި ގާބުރިއަކުން ޖެހި ދެ މީހަކު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މ. ލިޔާއާގޭ އަބްދުﷲ މާޒިން އާއި މާލޭ ދަފްތަރު 7026 އިބްރާހީމް ހުސައިންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ޗާންދަނީމަގުން ދިޔަ މީހެއްގެ ގައިގައި ގާބުރިއަކުންޖެހި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ށ. ފޭދޫ އަލްމާޒު، މުހައްމަދު ސިފާން ޔޫރޯ ސްޓޯރު ކައިރިން ޗާންދަނީ މަގުން ދަނިކޮށް އެތަނުގައި ހުރެ މާޒިން އޭނައަށް ގާބުރިއަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަ އެ ވަގުތު އިސްކަންދަރު ސްކޫލްގެ ދެކުނު ފަރާތު ގޭޓު ކައިރީހުރެ އިބްރާހީމް ހުސަން ވެސް ގާބުރިއަކުން އޭނާ އަށް ހަމަލާދީފައިވާކަން ވެސް މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެމީހުންގެ މައްޗަށް އުފުލީ މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ.