ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއަދު ހަވީރު ކާށިދޫ ޕޮލިސް ސްޓޭޝަން ކުރިމަތީ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސަޢުދީއާ ހަވަލާދީ ފުލުހުން ބުނީ ކާށިދޫގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ޚިދުމަތުގައި ރައްޔިތުންގެ ބައިވެރިވުން ދެންވަންވީ އެންމެ ފުރިހަމަ ގޮތުގައި ލިބުނު، ލާމަސީލު މިސާލެއް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ދިނުމަށް ކާށިދޫގައި ފެންވަރު ރަނގަޅު އިމާރާތެއް ލިބިގެން ރަސްމީކޮށް ބޭނުންކުރަން ފެށުމުން ހުށަހެޅޭ މައްސަލަތައް މަދުކޮށް ޚިދުމަތުގެ ފަންވަރު ރަނގަޅުވެ ތަހުގީގީ މަރުހަލާ އަވަސްވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ސައުދީ ވިދާޅުވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ރަޢޫފާ ހަވާލާދީ ފުލުހުން ބުނީ ކާށިދުއަކީ ކުށްމަދު އަމާން މުޖުތަމަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. އަދި މިއަދު ހުޅުވި އިމާރާތާ އެކު ކާށިދޫގައި ދެމުންދާ ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް ރަށު ތެރެ ޕެޓްރޯލްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމްކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކާށިދޫގައި ގާއިމު ކުރި ފުލުހުންގެ މަރުކަޒަކީ ރަށު ކައުންސިލާއި ރައްޔިތުން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވަ އިމާރާތެއް ކަމަށް ފުލުހުން ބުންޏެވެ.