07 Apr 2011, 15:16
ގދ. ކާޑެއްދޫ އެއާޕޯޓްގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އޮފީހުގައި މަސައްކަތް ކުރާ އެ ކުންފުނީގެ އަންހެން މުވައްޒަފަކާ ބަދައަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ ދެ މުވައްޒަފުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލޭންޑް އޭވިއޭޝަންގެ މޭނޭޖާ އެޑްމިން އަލީ ނަޝާތު މިއަދު ވިދާޅުވީ އެ ކުންފުނީގެ ކާޑެއްދޫ ގޮފީގެ ސީނިއާ ދެ މުވައްޒަފަކު އަދި ވެސް ތިބީ ސަސްޕެންޝަނުގައި ކަމަށާއި އަދި މައްސަލަ ވަކިގޮތަކަށް ނުނިމޭ ކަމަށެވެ.
ނަމަވެސް އެ ދެ މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމެއް އަދި ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އައިލޭންޑް އޭވިއޭޝަންގެ ކާޑެއްދޫ އޮފީހުގައި، ޕްރަބޭޝަން ނުނިމިވާ، 24 އަހަރުގެ އެ އަންހެން ކުއްޖާ އަށް އެ ދެ މުވައްޒަފުން އެކި ގޮތްގޮތުން "ސެކްޝުއަލީ ހެރަސް" ކުރި އެވެ. އޭގެ ތެރޭގައި ބަރަހަނާ ފިލްމު ދެއްކުމާއި އެ ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ގޯނާތައްކޮށްފައިވާ ކަމަށް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އެ މައްސަލަ ބެލި ފަސް މީހުންގެ ޓީމްގެ އިއްތިފާގުން ނިންމާފައި ވަނީ އެ އަންހެންކުއްޖާ އާ ގަދަކަމުން ބެހެން އުޅުނު ދެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށެވެ. ނަމަވެސް "މައްޗާ އެ ތަނުން މުވައްޒަފާ ދޭ ތެރޭ އޮންނަ ގުޅުމެއްގެ" ސަބަބުންނާއި ބައެއް ޕްރެޝަރުތަކާ ހުރެ، އައިލެންޑް އޭވިއޭޝަނަށް ވަނީ އެ ނިންމުން ތަންފީޒު ކުރުމަށް ފަސްޖެހިފަ އެވެ.