01 Dec 2015, 17:58
މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފިއިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތް ފެށުމަށް ލޮނުޒިޔާރަތް ކޮޅަށް ވަދެވެން ހުރި ހުރިހާ މަގަކަށް ދުއްވާ އެއްޗިހި ނުވަދެވޭ ގޮތައް ބަންދު ކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއން ނެރެފައިވާ އިއުލާނުގައި ވަނީ ބުރިޖް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނުމަގު ޓަސްކަލޫސާ ހަމައިން ދަރުބާރުގޭ އިރު ހުޅަނގު ކަންމައްޗާ ހަމަ އަށް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި އަމީނީ މަގުގެ އިރުމަތީކޮޅުން ފެށިގެން މޫންލައިޓްހިނގުމުގެ އިރުދެކުނު ކަނާ ހަމައަށް، ބަންދުވާނެ ކަމަށް ވެސް އެ އިލާނުގައި ވެއެވެ.
ކުރިން ސެނަހިޔާ ހުންނަ މޫންލައިޓް މަގުން އުތުރަށް ގޮސް ހިތިގަސް މަގުން ބޮޑުތަކުރުފާނު މަގަށް ނިކުތުމުގެ ބަދަލުގައި މިހާރު ޖެހޭނީ ބޮޑުފުންގަނޑު މަގަށް އަޅާށެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހިތި ގަސްދޮށު މަގު މެދުގައި ބެރިކޭޑް ޖަހާފައި --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ބުރިޖްގެ އަމަލީ މަސައްކަތް މި މަސްތެރޭގައި ފެށޭއިރު އެ މަސައްކަތް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ ވަނީ ރަސްމީކޮށް ހަވާލުކުރެވި އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓު ޓީމް ވެސް މިހާރު ވަނީ މާލެ އައިސްފައެވެ.
ބްރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާއިރު އެސަރަހައްދުގެ އިތުރުން ބްރިޖް އަޅާ ސާމާނު ބަހައްޓަން ހުޅުލެ އާއި ހުޅުމާލެ އިން ވެސް ކޮންޓްރެކްޓަރަށް ބިމެއް ހާއްސަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ މީގެ ކުރިން ބުނެފައެވެ.
1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިއްމިމަށް ވަނީ އެއްބަސްވެފައެވެ. އެހެން ކަމުން 2018 ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.