01 Dec 2015, 20:43
ރާއްޖޭގެ ޓުއަރިޒަމް ސިނާއަތުގެ މުސްތަގުބަލް ބައްޓަން ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި އެކޯ ސިސްޓަމެއް ގާއިމު ކުރެވިގެން ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ޔުނެސްކޯ ބަޔަސްފިއާ ރިޒާވުގެ ސްޓޭމްޕް ސެޓާއި ޕޯސްޓުކާޑު ލޯންޗުކޮށް އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާއި ދެމެދު ޕާޓްނާޝިޕް އެގްރީމެންޓުގައި ސޮއި ކުރުމަށް މިއަދު އެންވާރަމަންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ ޕޮލިސީއަކީ ހަމައެކަނި ރިސޯޓު ތަރައްގީކޮށްގެން ފައިސާ ހޯދުން ނޫން ކަމަށެވެ.
"އެންވާރަމެންޓާއި އަދި އަޅުގަނޑުމެންގެ މިހާރުގެ ޑިވެލޮޕްމެންޓާއި އެންވާރަމަންޓު ކޯ އެގްޒިސްޓު ވެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޕޮލިސީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންވާރަމަންޓު މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރު ބައިޔަސް ފެއާ ސްޓޭމްޕްސެޓް އިފްތިތާހުކޮށްދެއްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ބ. އަތޮޅުގައި ނުވަ ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި އިތުރު ސަރަހައްދުތަކެއް ބަޔޮސްފެއާ ރިޒާވްގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަމަަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓު މިންސްޓަރު ތާރިޤު އިބްރާހިމް ވިދާޅުވީ، އިފްތިތާހު ކުރެވުނު ސްޓޭމްޕް ސެޓުގެ ސަބަބުން ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް މަގުފަހިވެގެން ދާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވާރަމަންޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އެގޮތުން ވޭތުވެދިޔަ އަހަރު ހަތް ފަރާތަކަށް ކޮންޒަވޭޝަން ފަންޑުން ގްރާންޓްސް ދީފައިވާނެ... އަޅުގަނޑު ގަބޫކުލު ކުރާ ގޮތުގައި މި އަންނަ އަހަރު ކުރީކޮޅު އެ ގްރާންޓުގެ އެ ބޭފުޅުން ކަނޑައަޅުއްވާފައި ހުރި މަސައްކަތްތައް ނިމޭނެ. އަދި މި އަންނަ އަހަރު ބަޔަސްފިއާ ރިޒާވް ގެ ކޮންޒަވޭޝަން ފަންޑުން އިތުރު ގްރާންޓުތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާއި ދެމެދު ޕާޓްނާޝިޕް އެގްރީމެންޓުގައި، މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ފަރާތުން އަދި އެންވާރަމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވަނީ --- ސަންފޮޓޯ: ޔޫސުފް ސޮފްވާން
އަދި އޭގެ ބޭނުމަކީ ލިބެން ހުރި ރިސޯސްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާތަކެއް ވާނެ ގޮތްތައް ހޯދައިދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ ބޯޑު މެމްބަރު އަދި ބ. އަތޮޅު ކައުންސިލް ނައިބު ރައީސް މަބްރޫކު ނަސީރު ވިދާޅުވީ، ބަޔަސްފިޔާ ރިޒާވުގައި ހަނިފަރު ބޭ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ޖެހުނު ކަމަށާއި، އެ ކަންތައްތަކުގައި ބ. އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބުނު ކަމަށެވެ.