އެޗްއައިވީ އެއިޑްސްއަށް މަގުފަހިވާ އާދަތައް ދިވެހި ޒުވާނުންގެ މެދުގައި ކަންބޮޑުވާ މިންވަރަކަށް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ފާހަގަ ކުރާ 'ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އާދަތައް ގިނައިން އޮތް ނަމަވެސް އެއިޑްސް ޖެހުމުގެ ނުރައްކާ އަމިއްލަ ނަފުސަށް އޮތް މިންވަރު ކުޑަ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ.

"...އެޗްއައިވީ ޖެހިފައިވާ މީހުން ރާއްޖޭގައި ނިސްބަތުން މަދު ނަމަވެސް، އެޗްއައިވީއަށް މަގުފަހިވާ އާދަތައް މި ދިވެހި މުޖުތަމައުގެ ތެރޭގައި ގިނަކަމަށް ނެޝަނަލް އެއިޑްސް ޕްރޮގްރާމްގެ ދިރާސާތަކުން ދައްކައެވެ. ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މިފަދަ އާދަތައް ކަންބޮޑުވާން ޖެހޭ މިންވަރަކަށް ހުރިކަން ފާހަގަކުރެވިފައި ވެއެވެ،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންވެ، އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރު ހިންގާނެ އެއް ހަރަކާތަކީ ތިމާގެ އަމަލުތަކުގެ ސަބަބުން އެޗްއައިވީ ޖެހުމަށް މަގުފަހިވަނީ ކިހާވަރަކަށް ކަން، ފަސޭހައިން ދެނެގަނެވޭނެ ގޮތެއް ތައާރަފް ކުރުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ. ނުރައްކާ އޮތް ވަރު ދެނެގަނެވުމުން ދެން އަމަލުކުރަންވީ ގޮތާއި ޓެސްޓް ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ވެސް އެއިޑްސް ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނޭނެއެވެ.

އެއިޑްސް ދުވަސްފާހަގަކުރުމުގެ ގޮތުން ހިންގާނެ އަނެއް ހަރަކާތަކީ މާލޭގެ އެކި ހިސާބުތަކުގައި އެޗްއައިވީއަށް ޓެސްޓްކޮށް ވަގުތުން ނަތީޖާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޗްޕީއޭ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.