ޖަކާޓާ (ޑިސެމްބަރ 1): އިންޑޮނޭޝިއާ އިން ސިންގަޕޫރަށް ދަތުރުކުރި އެއާއޭޝިއާ ބޯޓު ވެއްޓުނު އެއް ސަބަބަކީ ބޯޓުގެ ކޮންޓްރޯލް ސިސްޓަމް މަސައްކަތް ކުރުން ހުއްޓާލުން ކަމަށް އެ ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން މިއަދު ބުނެފި އެވެ.

އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް އެ ބޯޓު ވެއްޓުނީ މިދިޔަ އަހަރުގެ ޑިސެމްބަރ 28 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 162 މީހުން ވަނީ މަރުވެފަ އެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމިޓީން މިއަދު ނެރުނު ރިޕޯޓުގައި ތަފްސީލުކޮށްފައިވާ ގޮތުން ކޮންޓްރޯލް ސިސްޓަމުގައި ޖެހުނީ ކަރަންޓު މައްސަލައެކެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ކުރޫ އިން ބޯޓުގެ ސިސްޓަމް ރީސެޓް ކުރި އެވެ. އޭގެ ސަބަބުން ބޯޓުުގެ އޮޓޯ ޕައިލަޓް އޮފްވެ، ކުރޫއަށް ބޯޓުގެ ކޮންޓްރޯލް ގެއްލުނީ އެވެ.

ރިޕޯޓުގައި އިތުރަށްވާ ގޮތުން އެ މައްސަލަ މިދިޔަ އަހަރު ވެސް 23 ފަހަރަކު އެބޯޓަށް ދިމާވި އެވެ. އަދި މައްސަލަ ހައްލު ކުރުމުގެ ގޮތުން ކޮމްޕިއުޓާ ސިސްޓަމް ރިސެޓް ކުރުމަކީ މީގެ ކުރިން ވެސް ކޮށްފައިވާ ކަމެކެވެ.

އެއާއޭޝިއާ އިން ވަނީ އެ ހާދިސާގެ ސަބަބުން އެ ކުންފުންޏަށް ގިނަ ކަންތައްތައް ދަސްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހިތާމަވެރި ހާދިސާއަކީ މުޅި އޭވިއޭޝަން ސިނާއަތަށް ވެސް ރަނގަޅު ފިލާވަޅަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. (ބީބީސީ)