01 Dec 2015, 16:44
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ކުންފުންޏާ ބެހޭ ގާނޫނަކީ "ޒަމާނީ ކުރަން ޖެހިފައި" އޮތް ގާނޫނެއް ކަމަށެވެ.
"ކުންފުންޏާ ބެހޭ ގާނޫނަކީ ޒަމާނީ ކުރަން ޖެހިފައި އޮތް ގާނޫނެއް. އެ މަސައްކަތް އަޅުގަނޑުމެން ވަރަށް ހަލުވި ދުވެއްޔެއްގައި އެބަ ކުރިއަށް ގެންދަން،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓާ ކުރެވޭނީ ކޮންކަހަލަ ކޮން ބާވަތްތަކެއްގެ ކުންފުނިތަކެއް ކަން ކަނޑައަޅައި އަދި ކުންފުނީގެ ބާވަތުން ރަޖިސްޓާ ކުރެވޭނީ ކިތައް ހިއްސާދާރުންކަން ކަނޑައަޅާނެ ކަމަށެވެ.
އޭގެ އިތުރުން ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ކުރަން ޖެހޭ ބައެއް ކަންކަން ފަސޭހައިން ކުރެވޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ކުންފުންޏެއް އުވާލަން ބޭނުންވާ ނަމަ އެކަން ވެސް ވީހާވެސް ފަސޭހައިން ކުރެވޭނެ ގޮތެއް އިންތިޒާމުކުރަން އަންނަނީ މަސައްކަތް ކުރަމުންކަމަށް ވިސާމް ވިދާޅުވި އެވެ.
އާންމުންނަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކުންފުނި ރަޖިސްޓާ ކުރުމުގެ ހިދުމަތްދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އޮންލައިންކޮށް ކުންފުނި ރަޖިސްޓާ ކުރުމަށް ފޯމު ހުށަހެޅުމަށް ފަހު މިނިސްޓްރީއަށް ފައިސާ ދެއްކުމުން ހަމަ އެދުވަހު ސެޓްފިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވަނީ މިނިސްޓްރީ އަށް ގުޅުމުގައި ދިމާވާ ދަތިތައް ކަމަށާއި އެކަން ހައްލުކުރުމަށް ވަރަށް އަވަހަށް އިކޮނޮމިކް މިނިސްޓްރީގެ ކޯލްސެންޓަރެއް ގާއިމްކުރާނެކަމަށް ވިސާމް ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ މުވައްޒަފުން މިހާރު އަންނަނީ ތަމްރީނުކުރަމުން ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.