01 Dec 2015, 16:14
ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅަންޖެހޭގޮތަށް ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެމަތިން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އެކުލަވާލައި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ވަނީ ފަހަނައަޅައިގޮސްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅައި އެ ލިސްޓު ގެޒެޓުގައި ޝާއިއުކުރުމަށް ގާނޫނުގައި އޮންނަ މާއްދާ އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަމަށެވެ.
"ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވަނީ ރާއްޖެ ފަދަ ގައުމަކުން އެފަދަ ލިސްޓެއް އެކުލަވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނަ ކަމަށް،" މުއާޒު ވިދާޅުވި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިސްލާހުކުރަންޖެހޭ އެތައް ކަމެއް ހުރި ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އެ ގާނޫނުގައި ހުރި އިސްލާހު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށްފައެވެ.