01 Dec 2015, 16:04
ކައްޓި ހިތްވަރު ފެސްޓިވަލް ޓެލެކޮމް ޕާޓްނާއަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒުއެވެ. އެފެސްޓިވަލް އިންތިޒާމް ކުރާ "ދި ޔޫތް މޯވްމެންޓް"ގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ރައީސް ފާތިމަތު އިޝާ އަފީފް އެވެ.
ކައްޓި ހިތްވަރު ފެސްޓިވަލް އަކީ 2012 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ އެކި ހުނަދު ދައްކާލުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ފެސްޓިވަލްއެކެވެ.
އެފެސްޓިވަލް އިންތިޒާމް ކުރާ "ދި ޔޫތް މޯވްމެންޓް"ގެ ރައީސް ފާތިމަތު އިޝާ އަފީފު ވިދާޅުވީ މާދަމަ އިން ފެށިގެން މި މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށް ސަލްޓަން ޕާކާއި ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ އެފެސްޓިވަލް އިން މިއުޒިކާއި އަތްތެރި މަސައްކަތްތެރިންނާއި ފޮޓޯ ނަގާ ފަރާތްތަކުގެ އިތުރުން ލިޔުންތެރިން ހިމެނޭގޮތަށް 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާ ކަމަށެވެ.
އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ އުރީދޫ އަކީ ޒުވާނުންނާއި ގުޅޭ ނެޓްވޯކަކަށްވާތީ އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ޒުވާނުން ބޭނުންވާ ކަމަށެވެ.