ސްޕެނިޝް ލީގްގެ ވެލެންސިއާގެ ކޯޗް ކަން ހުށަހެޅުމުން ބާސެލޯނާގެ ކުރީގެ ކޯޗް ފްރޭންކް ރައިކާޑް އެ ހުށަހެޅުމަށް ނޫނެކޭ ބުނެފި އެވެ.

ވެލެންސިއާގެ ކޯޗްކަން ރައިކާޑަށް ހުށަހެޅީ މިދިޔަ އަހަރު ޖުލައި މަހު އެޓީމުގެ ކޯޗްކަމާ ހަވާލުވި ނޫނޯ އެސްޕިރޭޓޯ ސަންޓޯ މިދިޔަ އާދިއްތަ ދުވަހު ކޯޗް ކަމުން އިސްތިއުފާ ދިނުމުންނެވެ.

ސްޕެނިޝް ލީގްގެ ނުވަ ވަނައިގައި އޮތް ވެލެންސިއާގެ ކޯޗް ކަމާ ރައިކާޑް ހަވާލު ނުވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ވޭތު ވެދިޔަ ދެ އަހަރު ކޯޗިން ކެރިއާއާ ދުރުގައި ހުރި ރައިކާޑް އެންމެ ފަހުން ކޯޗް ކޮށްދީފައި ވަނީ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމަށެވެ.

އޭނާ ވަނީ 2011 ވަނަ އަހަރުން 2013 ވަނަ އަހަރާއި ހަމަޔަށް ސައުދީގެ ކޯޗްކަން ކޮށްފަ އެވެ.

ސައުދީގެ ކޯޗްކަމުން ވަކިވުމަށް ފަހު ރައިކާޑް ބުނެފައި ވަނީ އޭނާ އެއްވެސް ޓީމަކާ ހަވާލުވުމަށް އަދި ޝައުގުވެރިކަން ނެތް ކަމަށެވެ.

ނަމަވެސް އޭނާ ފަހުން ބުނެފައި ވަނީ "ބާސެލޯނާއަށް އެނބުރިދާން އުފަލުން ހުރި" ކަމަށެވެ.

ބެލެވޭ ގޮތުގައި ވެލެންސިއާގެ ކޯޗުކަން ރައިކާޑް ގަބޫލު ނުކުރީ ބާސާއާ ދެކޮޅަށް ނިކުންނަން ބޭނުން ނުވާތީ އެވެ.

ބަސާގެ ކޯޗް ކަން 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ކުރި މުއްދަތުގައި އޭނާ ވަނި ބަސާއަށް ދެފަހރެއްގެ މަތިން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީފަ އެވެ.

މިދިޔަ މަހު ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ރައިކާޑަށް ޑެންމާކުގެ ކޯޗުކަން ވެސް ހޫށަގހެޅި ކަމަށާއި ނަމަވެސް އެހުށަހެޅުމަށް ވެސް އޭނާ ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ނޫނޯ ވެލެންސިއާގެ ކޯޗް ކަމުން އިސްތިއުފާ ދީފައިވާ އިރު މިހާރު އެ ޓީމްގެ ކޯޗް ކަމުގެ މަސްއޫލިއްޔަތު އުފުލަމުން ދަނީ އެސިސްޓެންޓް ކޯޗް ފިލް ނެވިލް އެވެ.

ރައިކާޑް އިތުރުން ވެލެންސިއާ ދެން ޝައުގުވެރިވާ ކޯޗަކީ ސްވަންސީ ސިޓީގެ ކުރިގެ ކޯޗް މައިކަލް ލައުޑޮރޮޕް އެވެ.