01 Dec 2015, 16:29
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުންފުނިތަކުން ސަރުކާރަށް ދައްކަން ޖެހޭ އަހަރީފީ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ އަކީ ދައުލަތަށް ނުލިބޭނެ ފައިސާ ކަމަށް ކަނޑައަޅައި، އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވީ، އަހަރީފީ ނުދައްކައިގެން ނުވަތަ އަހަރީފީގެ ރިޕޯޓް ހުށަނޭޅުމުން އަރާ ޖޫރިމަނާ އަކީ ދައުލަތަށް ނުލިބޭނެ އެއްޗެއް ގޮތަށް އެކަށައަޅައި، ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކީގައި އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭގައި ގާތްގަނޑަކަށް 800 ވަރަކަށް ކުންފުނި އުވާލާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ތަނުގައި ރަޖިސްޓާ ކޮށްފައި ހުރި ކުންފުނިތަކުން، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އަހަރީފީ ނުވަތަ އަހަރީފީ ނުދެއްކުމުން އަރާ ޖޫރިމަނާ އަދި އަހަރީފީ ރިޕޯޓް ހުށަނޭޅިގެން އަރާފަހުރި ޖޫރިމަނާ، މިފަދަ ޖޫރިމަނާތައް ދައުލަތައް ނުލިބޭނެ އެއްޗެއްގޮތަށް އެކަށައަޅައި ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކީގައި އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފައި މިވަނީ،" ވިސާމް ވިދާޅުވި އެވެ.
ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ މިއަހަރު ޖެނުއަރީ އެކަކުން 30 ނޮވެމްބަރާ ދެމެދު ގާތްގަޑަކަށް 31 ފޮރިން އިންވެސްޓްމެންޓް އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓް ތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކުރާނެކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިންވެސްޓްމަންޓްތަކުން ގާތްގަނޑަކަށް 800 ވަޒީފާ އުފެދޭނެ ކަމަށް އެ ފަރާތްތަކުން މައުލޫމާތުދޭ ކަމަށާއި އެ އިންވެސްޓްމަންޓްތަކުން ގާތްގަނޑަކަށް 80 ޕަސެންޓަކީ ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިހާތަނަށް 6675 އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި 1100 ކުންފުނި އަދި 110 ޕާޓްނާޝިޕް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.