01 Dec 2015, 15:40
އޮޑިޓް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވައިފި އެވެ.
އައްޑޫ ސިޓީގައި މިއަދު އޮޑިޓް އޮފީހުގެ ގޮތްޕެއް ހުޅުވިއިރު، ކުރިން އެ ސިޓީގައި ހުރި އޮޑިޓް އޮފީހުގެ ގޮފީގައި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ވަނީ ހުޅުޖަހައި އަންދާލައިފަ އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ގޮފި ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ސަން އަށް ވިދާޅުވީ އައްޑޫ ސިޓީގައި އެ ކޮމިޝަންގެ ގޮތްޕެއް ހުޅުވީ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ. އާއި ގދ. އާއި ޏ. އަދި އައްޑޫ ސިޓީގެ ރަށްތަކަށް ޚިދުމަތްދިނުމަށެވެ.
އޭނާ ވިދާޅުވީ ނިސްބަތުން އެންމެ ގިނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅެނީ އެ އަތޮޅުތަކުން ކަމަށެވެ.
"އައްޑޫ ސިޓީގައި އަޅުގަނޑުމެންގެ އޮފީހެއް ހުޅުވަން މި ޖެހުނީ ދެކުނުގެ ހަތަރު އަތޮޅުން ހުށަހަޅާ މައްސަލަތައް އިތުރުވުމުން. އަދި އަޅުގަންޑުމެންގެ އޮފީސް މާލޭގައި ހުރުމުން އެ އަތޮޅުތަކަށް ދާން ކުރަންޖެހޭ ދަތުރު ތަކުގެ އަނގު ބޮޑުވުމުން،" މުއައްވިޒު ވިދާޅުވި އެވެ.
އޭސީސީގެ ގޮތްޕެއް އައްޑޫގައި ހުޅުވުމުގެ ސަބަބުން އޭސީސީއިން ދެކުނުގެ ހަތަރު އަތޮޅު ތަކުގައި ތަފާތު އެކި ހޭލުންތެރިކަމުގެ ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން މަސައްކަތް ތަކަށް ވެސް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ހިތަދޫގައި ހުޅުވި އޭސީސީގެ ގޮތްޕަކީ އެ ކޮމިޝަންގެ ފުރަތަމަ އަތޮޅު ގޮތްޕެވެ.