01 Dec 2015, 15:08
އަތޮޅުތަކުގެ 12 ކޯޓެއްގައި ނުނިމިހުރި ގިނަދުވަސްވެފައިވާ މައްސަލަތައް ބެލުމަށް ޝަރުއީ ވަފްދުތަކެއް އެ ކޯޓުތަކަށް ގޮސްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ 12 މެޖިސްޓްރޭޓް ކޯޓެއްގައި ނުނިމި ހުރި މައްސަލަތައް ބެލުމުގެ މަސައްކަތް ޝަރުއީ ވަފްދުތަކުން މިއަދު ފަށާފައިވާ ކަމަށެވެ.
އެ 12 މެޖިސްޓްރޭޓް ކޯޓަކީ 70 އަށްވުރެ ގިނަ މައްސަލަ ނުނިމިހުރި ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވިފައިވާ ކޯޓުތައް ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ. އެ ކޯޓުތަކަކީ
1. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
2. ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު
3. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓު
4. ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު
5. ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
6. ލ. ގަމު މެޖިސްޓްރޭޓް ކޯޓު
7. ލ. މާވަށު މެޖިސްޓްރޭޓް ކޯޓު
8. ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
9. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު
10. ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
11. ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު
13. ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު
ޝަރުއީ ވަފުދުތަކުގެ މަސައްކަތް ހަމަޖެހިފައިވާ ގޮތް
ޝަރުއީ ވަފުދުތަކުގެ މަސައްކަތް ހަމަޖެހިފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި އެކި ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި އެ ކޯޓެއް ހިމެނޭ ދާއިރާގައި ތިއްބެވި މެޖިސްޓްރޭޓުން އެ ދާއިރާގެ އެހެން ކޯޓުތަކަށް ފޮނުއްވައިގެން މައްސަލަތައް ނިންމަވާ ގޮތަށް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އެގޮތުން ޝަރުއީ ވަފުދުތަކުން މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސުޕްރީމް ކޯޓުން ފެއްޓި މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި ކޯޓުތަކުގެ މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ތެރެއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އެގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ފިޔަވައި އެހެން މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވި ވަފުދުތަކުގައި ދެ މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވައެވެ.
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ކަނޑައެޅުއްވި ވަފުދުގައި ތިން މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވައެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހަމަޖެއްސެވީ އެކޯޓުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ތިން މެޖިސްޓްރޭޓުން، ވަފުދުތަކުގެ މަސައްކަތަށް ކަނޑައަޅާފައިވާ މުއްދަތުގައި ޚާއްސަ ގޮތެއްގައި އެކޯޓުގައި މައްސަލަތައް ބެއްލެވުމަށެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފްސީލު
އަތޮޅުތަކުގައި ނުނިމި ހުންނަ މައްސަލަތައް ނިންމުމަށްޓަކައި ޝަރުއީ ވަފުދު ފޮނުއްވައިގެން މައްސަލަތައް ނިންމެވުމުގެ މަސައްކަތަކީ މަޙުކަމަތުއްޝަރުޢިއްޔާގެ ދުވަސްވަރުން ފެށިގެން ރާއްޖޭގެ ޝަރުޢީ ދާއިރާގައި ކުރަމުން އައިސްފައިވާ މަސައްކަތެކެވެ.