01 Dec 2015, 14:27
އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް އެމްޑީޕީއިން އާޓިފިޝަލް ބީޗުގައި ބެހެއްޓި ފަންޑު ފޮށްޓަށް 29،710 ރުފިޔާ ލިބިފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ފަނޑު ފޮށި ހުޅުވައި ފަންޑު ފޮށި ގުނާފާވަނީ ނޫސްވެރިންގެ ހާޒިރުގަ އެވެ. އާޓިފިޝިއަލް ބީޗުގައި ފަންޑު ފޮށި ބަހައްޓާފައި ވަނީ އެމްޑީޕީއިން އިސްނަގައިގެން "މިންޖުވާން" މިނަމުގައި މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަރާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަދިވެސް އިތުރު މަސައްކަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ވިޔަފާރިވެރިން ކައިރިއަށް ގޮސްގެން ފައިސާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ އެކަށީގެންވާ އެމައުންޓެއް އައްޑޫގެ ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ކުރެވޭތޯ. އަދިވެސް ފަންޑު ރައިސިންގެ މަސައްކަތް ހަމަ ކުރިއަށް ދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
ވީހާވެސް އަވަހަށް ފައިސާ އެއްކޮށް ކުރިއަށް އޮތްތަނުގައި ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ފައިސާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެމަސައްކަތުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުން މަސައްކަތް ކުރަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، ރައްޔިތުންގެ ގެދޮރަށް ފެން ވަދެ ހިފާ ގެންގުޅޭ އެއްޗެއްސަށް ގެއްލުންވި އެވެ. ފެންބޮޑުވުމުގެ ސަބަބުން 42 ގެއަކުން ފެން ހިއްކާފައިވާ ކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފަ އެވެ.
ފެދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ބައެއް ގޭގައި ބޭނުންކުރާ އައިސް އަލަމާރި އާއި ބެޑްރޫމާއި ސޯފާފަދަ ދިރިއުޅުމުގައި އެއާނުލައި ނޫޅެވޭފަދަ ތަކެތި ހަލާކުވުންފަދަ ގެއްލުންތައް ހިމެނެއެވެ.