01 Dec 2015, 13:15
ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮއްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަދެފައިވާ ކަޅުއޮށްފުންމި މާދަމާ ބަލާނެ ކަމަށާއި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް އުތީމަށް ގެންދާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފި އެވެ.
ހޯމް މިނިސްޓަރުގެ ނައިބުު މާޒް އަހުމަދު ސަލީމު 'ސަން' އަށް ވިދާޅުވީ ކަޅުއޮށްފުންމި ގައުމީ ދުވަހަށް އުތީމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ގެންދާނީ ކަޅުއޮށްފުންމި ބަންނަން އުޅުނު އިސްފަރާތާއި ދޯނީގެ ރިޔާ ބަލަހައްޓަން ހާއްސާ ޓީމަކުން ކަމަށެވެ.
އޭގެފަހުން ކަޅުއޮށްފުންމި ބޭނުންކުރާނީ ތާރީހީ އެއްޗެއްގެ ގޮތުގައި ކަމަށް މާޒް ވިދާޅުވި އެވެ. އެގޮތުން ހެރިޓޭޖް ކުރިމަތީގައި އާންމުންނަށް ފެންނާނެހެން ކަޅުއޮށްފުންމި ބޭވުމަށް ހަމަޖެހިފައިވާ ކަމަށް މާޒް ވިދާޅުވި އެވެ.
ލަކުޑި ކުލާގައި އޮއްނަ ކަޅުއޮށްފުންމި ބަނީ 51 ފޫޓް ދިގުމިނުގައެވެ.
ކަޅުއޮއްފުންމިއަކީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް ޓަކައި އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑި އެވެ.
އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާއަށް އަރައެ ވެ.