01 Dec 2015, 13:25
އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް މީގެ 14 އަހަރު ކުރިން ނެރުނު ފިލްމު "ތުމް ބިން"ގެ އާ ސީކުއެލްއެއް ކުޅެން ނިންމާފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަނޫބާވް ސިންހާ ބުނެފިއެވެ.
އަނޫބާވް ބުނީ، އޭނާ ތުމްބިންގެ އާ ސީކުއެލް އެއް އުފައްދަން ނިންމީ، ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.
" އެ ފިލްމުގެ ފޭނުން އަހަރެން ގާތު ބުނަމުން ދިޔައީ އޭގެ އާ ފިލްމެއް އުފައްދަން. އޭރު އަހަރެން އަތަކު ނެތް އެ ފިލްމު ކުރިއަށް ގެންދާނެ ވާހަކައެއްވެސް... އެކަމަކު މިހާރު އަހަންނަށް ހިތްހަމަޖެހޭ ފަދަ ވާހަކައެއް ލިބިއްޖެ،"ޑައިރެކްޓަރު އަނޫބާވް ބުންޏެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަހުގެތެރޭގައި ފެށުމަށް ހަމަޖެހިފައި ވީނަމަވެސް، އެ ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން އަދި ނިންމާފައި ނުވެއެވެ.
ދެހާސް އެއްވަނަ އަހަރު ރިލީޒް ކުރި "ތުމް ބިން" އަށް އެ ފަހަރު ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެ ފިލްމުގައި މުހިއްމު ރޯލުތަކެއް އަދާކޮށްފައިވާ ބައެއް ތަރިންގެ ތެރޭގައި ޕްރިޔަންޝޫ ޗަތަރްޖީ، ހިމަންޝޫ މާލިކް، ސަންދާލީ ސިންހާ، އަދި ރާކޭޝް ވަޝިސްތް ހިމެނެއެވެ.