01 Dec 2015, 14:20
ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ ގެތަކަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފަންޑުފޮއްޓެއް ހުޅުވާފައި ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ މިއަދު ސަން އަށް ވިދާޅުވީ ރައްޔިތުންނަށް ގެއްލުން ލިބުނު ދުވަހުން ފެށިގެން އެކަންކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލައި ފަންޑުފޮއްޓެއް ވެސް ވަނީ ބަހައްޓާފައި ކަމަށެވެ.
"އަޅުގަނޑުމެން އެ ދުވަހުން އެ ދުވަހަށް މަރަދޫއާއި މަރަދޫ ފޭދޫގެ ގެއްލުން ލިބިފައިވާ ހުރިހާ ގެ ތަކަކަށް ޒިޔާރަތްކުރިން އަދި މިހާރު ކުރިއަށް މި ގެންދަނީ ގެއްލުން ލިބިފައިވާ ތަންތަނާއި ގެއްލުން ލިބިފައިވާ ތަކެތީގެ މައުލޫމާތު ނެގުމުގެ މަސައްކަތް. މާދަމާ އެ މަސައްކަތް ނިއްމާލެވޭނެ،" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އެ ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އެ ފައިސާއާ މެދު ޚަރަދުކުރާނެ ގޮތް ނިންމާނީ ފަންޑު ބަންދުކުރުމަށްފަހު ފަންޑު ކޮމެޓީން ކަމަށް ސޯބެ ވިދާޅުވި އެވެ.
މިމަހުގެ 24 ގައި އައްޑޫއަށް ކުރި ވިއްސާރައާ ގުޅިގެން އެ ސިޓީގެ ފޭދޫއާއި މަރަދޫފޭދޫގައި ބޮޑުވެފައިވާ ފެންގަނޑު އެމްއެންޑީއެފް ގެ އެހީތެރިކަމާއި އެކު މިހާރު އެއްކޮށް ހިންދާލެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން ފޭދޫ އާއި މަރަދޫފޭދޫން ގެއްލުންލިބުނު ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވާފައިވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ މަންދޫބެއްގެގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ފޭދޫ އާއި މަރަދޫފޭދޫގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ދަތުރުފުޅުގައި ޖިހާދު ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އެކުލަވާލާފައިވާ ސުޓިއަރިން ކޮމެޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ރޯޑް ޑޮވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓާއި ޕޮލިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ގެ ބޭފުޅުން ހިމަނައިގެން ސަރުކާރުން އަފައްދާފައިވާ އެ ކޮމެޓީގައި އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ބޭފުޅަކު ހިމަނާފައިނުވާތީ މޭޔަރު ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
"އަޅުގަނޑުމެންނާއި މިއަދު ބައްދަލުވި ޖިހާދު އާއި އަދި އަޅުގަނޑުމެން ސިޓީ ކައުންސިލްގެ ފަރާތުން ކުރަމުން މިދާ ކަންތައްތަކުގެ ތަފްސީލް ދިނިން އަދި ދެންނެވިން ރައްޔިތުންނަށް އެހީ ވުމަށް ފަންޑު ފޮއްޓެއް ހުޅުވި ވާހަކަ ވެސް،" ސޯބެ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ޖިހާދު ވަނީ ސިޓީ ކައުންސިލްގެ ފަރާތުން ހުޅުވާފައިވާ ފަންޑު ފޮށި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓަރާ ހަވާލުކުރުމަށް އެދިވަޑައިގެންފައެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ.
ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް އެހީވުމަށް އެމްޑީޕީން ވެސް ވަނީ މާލޭގައި ފަންޑުފޮއްޓެއް ބަހައްޓައިފައެވެ.