ސިއްހީ ހިދުމަތްތަކާ ބެހޭ އަސާސީ ޤާނޫނުތައް އެކުލަވާލައި ފާސްކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެއްމެހާ ފަރާތްތަކަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް [އެޗްއާރުސީއެމް] އިން ގޮވާލައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެންމެހާ ކަންކަމަށް މަގުފަހިކޮށް ދިނުމަކީ ކޮންމެ ދައުލަތަކުން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހެއްގެއް ކަމަށާއި ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގައި ސިއްހީފަރުވާއާ ބެހޭ އެކަށީގެންވާ ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި ނެތް ކަމަށާއި ހެދިފައި ހުރި މަދު ޤާނޫނުތަކާއި ގަވާއިދުތައް ވެސް އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
"ސިއްހީ ދާއިރާ އިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ގިނަގުނަ ޚިދްމަތްތަކެއް ވަނީ އިތުރަށް ތަރައްޤީކުރަން ޖެހިފައި. ސިއްހީ ނިޒާމް އެއްކޮށް ވިޔަފާރި އުސޫލަށް ބަދަލުކޮށްފައިވާއިރު މިކަމާ ގުޅުން ހުރި ޤާނޫނުތައް ތައާރަފްކުރެވި، ހެޔޮގޮތުގައި މޮނިޓާ ކުރެވި ޙިދުމަތް ދޭފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް، އިންސާނީ ކަރާމަތަށް އިހްތިރާމް ކުރެވިގެން ފަރުވާ ދެވޭ ތަންތަން ކަމުގައި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހެދޭނެ ގޮތް ހަމަޖައްސަން ޖެހޭ،" އެ ނޫސްބަޔާނުގައިވެ އެވެ.

ހަދަން ޖެހޭ އަސާސީ ޤާނޫނުތަކުގެ ތެރޭގައި އާންމު ޞިއްހަތު ރައްކާތެރިކުރުމާ ބެހޭ ޤާނޫނާއި ޞިއްހީ ޚިދުމަތްދިނުގެ ޤާނޫނާއި ކާބޯތަކެތީގެ ޤާނޫނާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޤާނޫނާއި ފެނާ ބެހޭ ޤާނޫނާއި މެޑިކަލް ނެގްލިޖެންސް ޤާނޫނު ހިމެނޭ ކަމުގައި އެޗްއާރުސީއެމުން ބުނެފައިވެ އެވެ.

ބަލިތަކުން ސަލާމަތްވުމަށް އިންސާނުން ކުރަމުންދާ މަސައްކަތުން މިހާތަނަށް ހޯދިފައިވާ އެއްކުރިއެރުމަކީ އެންޓި މައިކްރޯބިއަލް ޑްރަގްސް ނުވަތަ ޖަރާސީމާއި ދެކޮޅަށް ބޭނުންކުރާ ބޭސް އުފެއްދުން ކަމަށާއި ނަމަވެސް، މިބޭސްތައް ނަހަމަގޮތުގައި ބޭނުންކުރުން ވަނީ މުޅިދުނިޔޭގައި އާއްމުވެފަ އެވެ. އަދި މިކަމުގެ ސަބަބުން ޖަރާސީމްތައް ބޭހަށް ހޭނި، ބޭހަށް ނުގުޑާގޮތް ދިމާވަމުންދާ ކަމަށާއި އެ މައްސަލަ ވަނީ ކަންބޮޑުވާ ދަރަޖައަށް ދުނިޔޭގައި މިހާރު އާއްމުވެފައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ސިއްހަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ބޭހަށް ނުގުޑާ ޖަރާސީމް: މިއަދު ފިޔަވަޅު ނާޅައިފި ނަމަ، މާދަމާ ފަރުވާއެއް ނެތް"، އެވެ. މިޝިއާރު ކަނޑައެޅުމުގެ ބޭނުމަކީ އެމައްސަލަ ދުނިޔޭގެ އެންމެންގެ ސަމާލުކަމަށް ގެނެސް އެފަދަ ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ދުރުހެލިވުމަށް ބާރުއެޅުމެވެ.

އެސްއާރުސީއެމުން ބުނީ ދުނިޔޭގައި މިކަން ބޮޑު މައްސަލައަކަށް ވެފައިވާއިރު، ރާއްޖޭގައި ވެސް އެކަމަކީ ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެއް ކަމަށާއި ބޭހަށް ނުގުޑާ ޓީބީ ޖަރާސީމް ރާއްޖޭގައި ދަނީ ގިނަވަމުން ކަމަށެވެ. މީގެއިތުރުން އެންޓި މައިކްރޯބިއަލް ބޭސްތައް ވަކި އުސޫލެއްނެތި ރާއްޖޭގައި ވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި މިހެން ދިމާވަނީ ބޭސް ބޭނުންކުރާ ފަރާތްތަކުން ހެޔޮގޮތުގައި ބޭސް ބޭނުން ނުކުރުމާއި ހެޔޮގޮތުގައި ބޭސް ބޭނުން ކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމުން ކަމަށް ވެސް އެޗްއާރުސީއެމުން ބުނެ އެވެ.