01 Dec 2015, 13:14
އަންނަ ސީޒަންގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނަންތޯ ނުވަތަ ނުކުރާނަންތޯވެސް އަދި ނުނިންމާ ކަމަށް މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.
ފުޓްބޯޅައިގެ ދާއިރާގައި ގިނަދުވަސްތަކެއް ހޭދަކޮށްފައިވާ ސުޒޭން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ، މިހާރު ގަލޮޅު ދަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެހެންވެ މިހާރު އަމިއްލަ ކަންކަމުގެ ތެރެއަށް ގޮސް އުޅެން ވަގުތު ދޭންވީތޯވެސް ވިސްނާލުން ރަނގަޅު ކަމަށެވެ.
އަދި މިސީޒަނަށްފަހު "ރީތި ގޮތުގައި" ކޯޗުކޮށްދިނުން ހުއްޓާލުމަށް ރަނގަޅު ސަބަބުތަކެއް މެދުވެރިވެއްޖެ ކަމަށާއި އެއީ މާޒިޔާގެ ތާރީޚްގައި ވެސް އެކުލަބަށް އެންމެ ކާމިޔާބު ސީޒަން ފުރިހަމަ ކޮށްދެވުން ކަން ސުޒޭން ފާހަގަކުރި އެވެ.
ނަމަވެސް ވަކި ގޮތެއް ނިންމާނީ ފަހުން ކަމަށާއި އެފަދަ ނިންމުމެއް ނިންމުގެ ކުރިން މާޒިޔާއާ އެކު މަޝްވާރާ ކުރާނެ ކަމަށް ސުޒޭން ބުންޏެވެ.
ސުޒޭން ވަނީ މާޒިޔާއަށް މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ހޯދައިދީ ދެ ޓީމަކަށް އެމުބާރާތް ކާމިޔާބުކޮށްދިން ފުރަތަމަ ކޯޗްގެ ޝަރަފު ހޯދާފައެވެ.
"ގަލޮޅު ދަނޑުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެހެންވީމަ އަޅުގަނޑު ވިސްނާލުން ރަނގަޅުކަން ނޭނގެ އަމިއްލަ ލައިފުގެ ތެރެއަށް ގޮސް އުޅެން ނޫނިއްޔާމު އަދި އެއް ސީޒަން ހުންނާނީތޯ. ވަކި ގޮތެއް ނިންމާނީ މާޒިޔާއާ ވާހަކަ ދައްކާފައި. މިއީ މިހާރުން މިހާރަށް ނިންމަޖެހޭ ކަމެއް ކަމަކަށްވެސް ނުދެކެން،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ، އަންނަ ސީޒަންގައި އެކުލަބުގެ ކޯޗަކަށް ހުންނާނީ ކާކު ކަމެއް މާޒިޔާއިން ނުނިންމާ ކަމަށެވެ. އަދި އޭނާވެސް ނިންމުމެއް ނިންމާނީ އަންނަ ސީޒަންގައި ކޮމިޓްމެންޓް ދެވޭނެ އެންމެހާ ގޮތެއް ބަލާފައިކަމަށް ސުޒޭން ބުންނެވެ.
ސޫޒޭން ބުނީ އަންނަ ސީޒަންގައި މާޒިޔާއިން މަސައްކަތް ކުރާނެ ޕްލޭނެއް އޭނާގެވެސް ހިޔާލާއެކު އެކުލަބުން އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން އޮންނާނީ ކޮންމެ ކޯއްޗެއް ޓީމަށް އަޔަސް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ގޮތަކަށް ކަމަށެވެ.
ސުޒޭން ވަނީ ބޭރުގެ ކުލަބުތަކަށް ދައުވަތު ދީގެން ރާއްޖޭގައި ބޭއްވި ޕީޕަލްސް ކަޕްގެ ފައިނަލަށް މާޒިޔާ ގެންގޮސްދީފައެވެ. އަދި މިސީޒަންގެ ޗެރިޓީީ ޝީލްޑާއި ޕްރެޒިޑެންޓް ކަޕް މާޒިޔާއަށް ކާމިޔާބު ކޮށްދީފައެވެ.